އަންހެން ސައިންސްވެރީންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ފިލްމު މިޝަން މަންގަލްގައި ވިދްޔާ ބާލަންގެ ރޯލަށް ހާއްސަ އިސްކަމެއް ދީފައިވާކަން ފިލްމުގެ ޓްރެއިލަރުންނާއި ފިލްމުގެ ޕްރޮމޯޝަންތަކުން ފެނިގެންދެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ވިދްޔާ ކުޅޭ ސައިންޓިސްޓްގެ ރޯލަކީ ފިލްމުގެ ޑައިރެކްޓަރެއް ކަމަށްވާ ޖަގަން ޝަކްތީގެ ކޮއްކޮގެ ދިރިއުޅުމަށް ބަލައިގެން ކުޅެފައިވާ ރޯލެކެވެ. ޖަގަންގެ ކޮއްކޮ ސުޖާތާ އަކީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ) ގައި މަސައްކަތް ކުރާ ސައިންޓިސްޓެކެވެ.
ޖަގަން ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ކެރެކްޓަރުން ވީހާވެސް އަސްލާ އެއްގޮތް ކުރެވޭތޯ ބަލާފައިވާކަމަށެވެ. ސައިންޓިސްޓުންނަކީ އެހާ ފެންސީކޮށް ހެދުން އަޅާ ބައެއްނޫން ކަން ފާހަގަ ކުރަމުން ޖަގަން ބުނީ އޭގެ ތެރެއިން ސައިންޓިސްޓެއް ކައިރީ އިށީނދެ އިންނަ އިރު އެއީ ސައިންޓިސްޓެއްކަންވެސް ނޭނގޭހާ އެމީހުން ސިމްޕަލް ކަމަށެވެ. އަދި ހޮލީވުޑް ފިލްމުތަކުގައި ނާސާ ގައި ދައްކާ ގޮތަށް ހަގީގީ ސައިންޓިސްޓުން ނޫޅޭ ކަމަށްވެސް އޭނާ ބުންޏެވެ.
ޖަގަން އިތުރަށް ފާހަގަ ކުރި ގޮތުގައި އޭނާގެ ކޮއްކޮ ގޭގައި ހަރަކާތްތެރިވާ ގޮތް އޭނާ ދިޔައީ އޮބްޒާވް ކުރަމުންނެވެ. ގޭގެ ހުރިހާ މަސްއޫލިއްޔަތެއްވެސް އަދާކުރަމުން ކޮއްކޮ ރަސްމީ ޒިންމާތައްވެސް ބަރާބަރަށް އަދަކުރާކަމަށް ޖަގަން ބުންޏެވެ. މިޝަންއެއްގައި ދުވާލު ހަރަކާތްތެރި ވަމުންދާއިރު ރޭގަނޑު ގޭގައި ކައްކާނީ ކޮންއެއްޗެއްތޯވެސް ކޮއްކޮ ވިސްނާކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ވިދްޔާގެ ކެރެކްޓަރަކީ ސުޖާތާގެ އުޅުން ކަމުގައި ޖަގަން ބުންޏެވެ. އެއީ ހުރިހާ ޒިންމާއެއް އުފުލާ އަންހެނެކެވެ. ފިލްމު ފެށޭނީވެސް ވިދްޔާގެ ތައާރަފުން ކަމަށް ޖަގަން ބުނެފައިވެ އެވެ.
މިޝަން މަންގަލް ރިލީސް ކޮށްފައި ވަނީ މި މަހުގެ 15ގަ އެވެ.