ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުފެދިގެން މިވީ ކުރު މުއްދަތުގެ ތެރޭގައި އެޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއި ކޮށްފައިވާ ކަމަށް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެެއެވެ.
ދެކުނުގެ ހަތަރު އަތޮޅަކަށް ޑީއާރްޕީން ކުރި ދަތުރާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މިހާރުވެސް ގިނަ ބަޔަކު ޑީއާރްޕީއަށް ސޮއި ކުރަމުން އަންނަ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި އެޕާޓީއަށް ވަަރަށް ގިނަ ރައްޔިތުން ސޮއިކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޑީއާރްޕީއަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ޕާޓީއެއް ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ޕާޓީއެއް އޮތުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ޑީއާރްޕީން ކުރި ދަތުރަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރި ދިގު ދަތުރެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެކަންކަން ކުރުމަށް ޑީއާރްޕީން ސަރުކާރަށް ބާރު އަޅާނެ ކަމަށެވެ.
ޑީއާރްޕީ އުފެއްދީ 2005 ވަނަ އަހަރުގެ ޖުލައިމަހުގެ 21 ވަަނަ ދުވަހުއެވެ. ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގެންފައިވަނީ މިދިޔަ މަހުގެ 23 ވަަނަ ދުވަހުއެވެ. ޖާބިރު އެޕާޓީއާ ގުޅިވަޑައިގަތުމާއެކު، ކައުންސިލް ބައްދަލުވުމެއް ބާއްވައި ޖާބިރަށް ޕާޓީގެ ލީޑަރުކަން ދޭން ނިންމީވެސް ހަމަ އެ ދުވަހުއެވެ.