ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖު ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ދިއްދޫގައި އިހުތިޖާޖުކޮށްފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި މިނިމަމް ވޭޖު ބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހއ. ދިއްދޫގައި މިއަދު އިހުތިޖާޖުކޮށްފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ދިއްދޫ ޒުވާނަކު މިރޭ ބުނީ، ދިއްދޫގައި އިހުތިޖާޖުކުރަމުންދަނީ މިނިމަމް ވޭޖު ބިލު، ވީހާވެސް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބިލު ފާސްކުރުމަށް މަސައްކަތް ކޮށްދިނުމަށް ގޮވައިލައި ކަމަށެވެ.

އަދި އެކަމުގައި މަޖިލީހުގައި ހއ. އަތޮޅު ތަމްސީލުކުރައްވައި ފަސް މެންބަރުން ހިމެނިވަޑައިގަންނަވާތީ އެބޭފުޅުންގެ ޒިންމާ އެކަމުގައި ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

މިއަދު ހަވީރު ކުރި އިހުތިޖާޖުގައި ހއ. އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުންނާއި، އެ ރަށުގެ ގިނަ ޒުވާނުން ހިމެނެއެވެ. އަދި އިހުތިޖާޖުގައި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުގެ މެންބަރުންވެސް އަންނަނީ ބައިވެރިވަމުންނެވެ.

މިނިމަމް ވޭޖު ބިލް އަވަސްކޮށްދިނުމަށް ގޮވާލައި ދިއްދޫގައި މުޒާހަރާ ކުރަމުން އަންނައިރު، އެ ބިލު މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީސް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.