ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

''ވަން''އަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނު ފައިސަލް އާދަމް މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ތިންވަނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މި އަޑުއެހުމުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ނެގުން އޮންނާނެއެވެ. އަދި ޝަރީއަތުގެ އެ އަޑުއެހުން ކުރިއެކޭ އެއްގޮތަށް ލައިވް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ޝަރީއަތް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވަކީލުންގެ ތެރެއިން އެހެން ބޭފުޅަކަށް ޗިޓް ލިބިފައި އޮތުން އެކަށީގެންވާ ކަމަށެވެ.

އަދި ދެން ބާއްވާ އަޑުއެހުމުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ނެގުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައިވާ ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. އެންމެ ފަހުން މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ވަނީ ނަގައިފައެވެ.

ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި ވެސް މުއައްވިޒުގެ ހެކިބަސް ނަގައި ގޮތަށްވަނީ ނިންމައިފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުންވަނީ ތިން ހެއްކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކިތާބީ ހެއްކާއި އެއް ޝަފައީ ހެއްކެވެ. އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ހުށަހަޅުއްވާފައިވަނީ ޝަފައީ ހެއްކެއްގެ ގޮތުގައެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އެއް މިލިޔަން ޑޮލަރު އިސްލާމިކް ބެންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހިންގި ގޮތް މުއައްވިޒު ވަނީ ޝަރީއަތުގެ މަޖިލީހަށް ވިދާޅުވެ ދެއްވައިފައެވެ.

ދިފާއުގައި މުއައްވިޒުއާ ސުވާލު ކުރެއްވުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ އޭސީސީ އާއި އެމަނިކުފާނާ ދެމެދު އެއްބަސްވެގެން އެކުލަވާލި އެއްބަސްވުމުގެ ދަށުން އެއް މިލިއަން ޑޮލަރު، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށެވެ.

އަދި އެ އެއް މިލިއަން ޑޮލަރަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނުވަތަ ނޫންތޯ، 12 މަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށް އޭސީސީން ކަނޑައަޅާނެ ކަމަށް އެ އެއްބަސްވުމުގެ ތިންވަނަ މާއްދާގައި ބުނެފައިވި ނަމަވެސް، އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ މާޗު މަހަށް ހަމަވިއިރު ވެސް އޭސީސީއަށް ވަކި ގޮތެއް ކަނޑައެޅިފައިނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ތަފުސީލް ދެއްވުމުގެ ކުރިން، އޭސީސީން އެ މައްސަލަ ތަހުގީކޮށް ނިންމުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 12 މަސްދުވަހުގެ މުއްދަތު ހަމަވާ ތާރީހަކީ ކޮބައިތޯ، މުއައްވިޒުގެ އަރިހުން ރައީސް ޔާމީިން ސުވާލު ކުރެއްވުމުން، ޖަވާބުގައި މުއައްވިޒު ވިދާޅުވެފައިވަނީ ހަނދާން ވާގޮތުން އެ މުއްދަތު ހަމަވީ ޖޫންމަހު ކަމަށެވެ.

ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ސަމީރާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑުގެ ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއީލެވެ.

އަދި ކިތާބީ ހެކިންގެ ގޮތުގައި އޭސީސީގެ އެސްކްރޯ އެކައުންޓް އެއްބަސްވުމާއި އޭސީސީގެ ތަހުގީގު ރިޕޯޓާއި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި ރައީސް ޔާމީން އޭސީސީއަށް ދީފައިވާ ބަޔާނާއި މައްސަލައިގައި ހިމެނޭ ޓްރާންސެކްޝަންތަކުގެ ޗެކް ތަކާއި ސްލިޕް ތަކާއި ބޭންކް ސްޓޭޓްމަންޓްތަކުގެ އިތުރުން ރައީސް ޔާމީންގެ މާލީ ބަޔާން ވެސް ދައުލަތުން ވަނީ ހުށަހަޅައިފައެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިތައް ވެސް ހުށަހެޅިއެވެ.

އެ ގޮތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އަލްޖަޒީރާގެ ސްޓީލިން ފެރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެކެވެ.