ކުޑަކުދީންނަށް ކުރާ އަނިޔާ

ކުދިން ކުށްކުރުމަށް ހުރި ހުރިހާ ފުރުސަތެއް ނައްތާލަން ގޮވާލައި ކޮމިޓީިން ގަރާރު ހުށަހަޅަނީ

އިބްރާހިމް ޒަކީ

ފުލުހުންނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، ކުށް ކުރުމަށް މަގުފަހި ވާ ހުރިހާ ފުރުސަތެއް ނައްތާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރާއްޖޭގައި ހިންގަމުންދާ ގޭންގުތަކުން، ކުޑަކުދުިންގެ ނާޖާއިޒް މަންފާ ނަގަމުންދާ މައްސަލަ ކަންބޮޑުވާ މިންވަރަށް ގޮސްފައިވާތީ، އެކަމާމެދު ކޮމިޓީގައި މަޝްވަރާކޮށް، ބަލަންޖެހޭ ބެލުމަށް ބެލުމަށްފަހު، ކޮމިޓީން އެކުލަވާލައި މަޖިލީހަށް ފޮނުވި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ގަރާރުުގައި ހަ ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރޭގައި، ފުލުހުންނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، ކުށް ކުރުމަށް މަގުފަހި ވާ ހުރިހާ ފުރުސަތެއް ނައްތާލުމަށް ގޮވާލުމުގެ އިތުރުން، އަންނަ މަހު، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރާއިރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެކަށީގެންވާ ބަޖެޓެއް ފާސްކޮށްދިނުމަށް ހުރިހާ މެންބަރުން އިގުރާރު ވުމަށް ވެސް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި، ހައްގު ތަކާއި، ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ބޮޑެތި މައްސަލަތަކެއް ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަތީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ތާވަލް ކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުން އަވަސް ކުރުމަށްވެސް މި ރިޕޯޓުގައި ވަނީ ގޮވާލައިފައެވެ.

އަދި ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުމަކީ ވަކި ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައިނުވާ ކަމަށާއި، އެއީ ވަކި އުގޫބާތެއް ކަނޑައަޅާފައިވާ ކަމަކަށް ނުވާތީ، އެކަމަށް އަވަސް ހައްލެއް ބޭނުން ވާ ކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަކީ ވަގުތުން ވަގުތައް ކުރުން މުހިއްމު ކަމަކަށްވާއިރު، ޖުވެނައިލް ޖަސްޓިސް ޔުނިޓް ބާރުވެރި ކުރުމުގެ ގޮތުން ސަޕްލިމެންޓްރީ ބަޖެޓުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދާނަ ކުރުމަށް ބޭނުންވާ ކަންކަން ހިމެނުމާއި، ރެސިޑެންޝަލް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޕްރޮގްރާމްތައް ހިންގާނެ ބަޖެޓް އެކަށައަޅަންޖެހޭ ކަމަށެވެ

ރިޕޯޓުގައި ކޮމިޓީން ބުނެފައިވަަނީ، އެކަންކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކަން އެ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން މުޖުތަމައުގައި ކުށް ކުރުން މަދުވެ މުޖުތަމައަށް އެތައް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.