ޝަހީދާ އަބްދުﷲ ސައީދު
ޖަލަށްލައި، ދައުލަތުގެ އެހީ ކަނޑާލައިގެން ވެސް އަދާލަތު ޕާޓީ ނައްތައި ނުލެވުނު ކަމަށް އެޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށްލައި، ދައުލަތުގެ އެހީ ކަނޑާލައި، އަދި ހުރިހާ ނުފޫޒު ބޭނުންކޮށްގެން ވެސް އަދާލަތު ޕާޓީ ނައްތައިނުލެވުނު ކަމަށެވެ. އަދި އޭގެ ސަބަބުން ފިސާރި ހިތްވަރުގަދަ ޒުވާން ލީޑަރޝިޕެއް އުފެދިގެން ދިއުމަށް ފުރުސަތު ލިބުުނު ކަމަށް އިމްރާން ވިދާޅުވިއެވެ.
އެގޮތުން އެޕާޓީގެ ނާއިބު ރައީސް އައްޝައިޚު އަލީ ޒާހިރުގެ ލީޑަރޝިޕްގައި އަދާލަތު ޕާޓީ ނަގާކޮޅަށް ޖެހި ކަމަށާއި، އެޕާޓީ ނަގައި ކޮޅަށްޖެހި ޓީމުގެ އެވްރެޖު އުމުރަކީ 35 އަހަރު ކަމަށް އިމްރާންގެ ޓުވީޓުގައި ވިދާޅުވިއެވެ. އަދި މިއަދު އެއީ ޒުވާން ޕާޓީއެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ 1 މެއި 2015 ގައި މޭޑޭގެ ނަމުގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމުގެ ކުށުގައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާއި ގުޅިގެން ދިގު މުއްތަތެއްގައި ޖަލުގައި ހުންނަވަންޖެހިވަޑައިގަތުމުންނެވެ.
މޭޑޭގެ މުޒާހަރާއާ ގުޅިގެން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަފުޅު ދެއްކެވި މައްސަލައިގައި އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ 31 މެއި 2015 އެވެ. އަދި އެމައްސަލައިގައި 16 ފެބްރުއަރީ 2016 ގައި އިމްރާންގެ މައްޗަށް ކުރިމިނަލް ކޯޓުން 12 އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވެއެވެ.
އިމްރާންގެ މައްޗަށް އިއްވި ޖަލުހުކުމް ތަންފީޒުކުރުން ފަސްކޮށް އޭނާ މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ 1 ނޮވެންބަރ 2018 ގައެވެ.