އިބްރާހިމް ޒަކީ
ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑާބެހޭ ޔުނިޓެއް ގާއިމްކުރުމަށް ކަނޑައަޅައި ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިފަދަ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގަންވާތީ ކަމަށެވެ.
މި ބިލު ގާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ގާއިމުކުރެވި، މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރާނެއެވެ.
މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯޓަރީތައް ގާއިމުކުރާނެއެވެ. އަދި ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފުސީލުތައް ވެސް ބަޔާންކުރާނެއެވެ.
މި ބިލު ގާނޫނަކަށް ވުމުން، މި ބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 (ފަސް ހާސް ރުފިޔާ) އާއި 100000 (އެއްލައްކަ ރުފިޔާ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅިގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.