އަމީރުލް ހައްޖު، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފުރާސްޓްރކްޗަރ މުހައްމަދު އަސްލަމް ރާއްޖެއަށް ވަޑައިގެންފިއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވި މިނިސްޓަރު އަސްލަމް ރާއްޖެވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިނިސްޓަރު އަސްލަމަށް އެއާޕޯޓުން މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު މަރުހަބާ ދަންނަވާފައިވެއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެއައުމަށް ފުރަން ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހުރިހާ ހައްޖާޖީން މިމަހު 31 ގެ ނިޔަލަށް އެނބުރި ރާއްޖެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔުމަށް 2000 ކޯޓާ ލިބިފައިވެއެވެ. ރާއްޖެއިން 1800އަށް ވުރެ ގިނަ ހައްޖާޖީން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްފައިވެއެވެ.