ރައްޔިތުންގެ މަޖިލިސް

ހުއްދަ ނުނަގައި މިނިވަންކަމާއެކު މުޒާހަރާކުރެވޭގޮތަށް ގާނޫނު އިސްލާހު ކުރަނީ

ކުރިއާލައި ފުލުހުންގެ ހުއްދަ ހޯދައި، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނޫން ގޮތަކަށް މުޒާހަރާ ނުކުރެވޭގޮތަށް ގާނޫނުގައި އޮތް ބައި އުނިކޮށް، ހުއްދަ ނުނަގައި މިނިވަން ކަމާއެކު މުޒާހަރާ ކުރެވޭގޮތަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަހައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިހުތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، އެވަގުތަކު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާ ބައި އުނިކޮށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމަށް ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނައުމުން ފުލުހުންގެ ހުއްދައަކާނުލައި މާލޭގެ ކޮންމެ ސަރަހައްދެެއްގައިވެސް ޝުއޫރު ފާޅުކޮށް، މުޒާހަރާ ކުރުމުގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

އެންމެ ފުރަތަމަ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ވުޖޫދަށް އައި އިރުވެސް އެ މިނިވަން ކަން ގާނޫނުން ލިބިދީފައިވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ މިނިވަންކަން ހަނިކޮށް ގާނޫނަށް ވަނީ އިސްލާހު ގެނަސްފައެވެ.

2016 ވަނަ އަހަރު ގާނޫނަށް ގެނައި އެ އިސްލާހުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުން މި މާއްދާ ގާނޫނުން އުނިކުރެވިގެންދާނެ އެވެ.