ރައްޔިތުންގެ މަޖިލިސް

ބޭރުގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ 10 އަހަރު ފަހުންކަމަށް އޮތް މާއްދާ އުވާލަނީ

އިބްރާހިމް ޒަކީ

ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ދިހަ އަހަރު ފަހުން ކަމަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުން ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިއަދު ބުނީ، ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ކަމަށެވެ.

އަދި އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު އިސްލާހުކުރުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގާނޫނުގައި މިހާރު އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެެއްގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ ދިވެހި މަންމަ އަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައި ވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނަސް ފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖައްސާގައެވެ.