ރައްޔިތުންގެ މަޖިލިސް

ޕެސްޓިސައިޑްސް ބިލް މަޖިލީހަށް ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ދަނޑުވެރިކަން ރާއްޖޭގައި އިތުރަށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޕެސްޓިސައިޑްސް ބިލް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބިލަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެކެވެ. އޭގެ އިތުރުން މި ބިލަގެ ބޭނުމަކީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމުގެ އިތުރުން ރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުސޫލުތައް ކަނޑައެޅުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއަޅައި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބިލް ގާނޫނަކަށް ވުމާއެކު ޕެސްޓިސައިޑާއި ބެހޭ ކަންކަން މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ބެހެލެއްޓުމުގެ ޒިންމާ އުފުލުމަށް ޕެސްޓިސައިޑާބެހޭ ޔުނިޓެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ޕެސްޓިސައިޑްސް ގާނޫނުގައި ބަޔާންކުރާނެ ކަމަށް ރައީސް އޮފީހުން މަުއލޫމާތު ދެއެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި އެކަންކަން ތަންފީޒު ކުރުމުގެ އިތުރުން ޕެސްޓިސައިޑް ތަހުލީލު ކުރުމަށް ރަސްމީ ލެބޯޓްރީ މި ބިލުގެ ދަށުން ގާއިމްކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ޕެސްޓިސައިޑް ވިޔަަފާރި މޮނިޓަކޮށް އެކަމާއި ގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް މި ބިލު ގާނޫނަކަށް ވުމުން ގާނޫނުގައި ބަޔާން ކުރެވިގެންދާނެއެވެ.

މި ބިލް ގާނޫނެއްގެ ގޮތުގައި ފާސްކުރުމާއެކު މި ގަނޫނާއި ހިލާފުވާ މީހުން -/5000ރ (ފަސް ހާސް ރުފިޔާ) އާއި -/100000ރ (އެއްލައްކަ ރުފިޔާ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އަދަބު ކަނޑައެޅޭނެއެވެ.