ތ. ތިމަރަފުށީގައި ސިލްސިލާކޮށް މާރާމާރީ ހިންގަމުންދާ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާރާމާރީގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ތިމަރަފުށީގައި މާރާމާރީ ހިންގާފައި ވަނީ ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން ދެ ގޭންގުގެ މެދުގައި ސިލްސިލާ މާރާމާރީތައް ފެށުނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގެ ކޮމެންޓަކަށް "ހާހާ" ރިއެކްޓު ކުރުމުން މައްސަލަ އިތުރަށް ހޫނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ތިމަރަފުށީގެ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ބުރާސްފަތި ދުވަހުގެ ރޭ 21:11 ހާއިރު ލިބުނު ކަމަށެވެ.
އެ މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.