ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާފިޒުން އުފެއްދުމަށް ފެށި ނުވަ މިލިއަން ރުފިޔާގެ މަޝްރޫއު މަޑުޖެހިފައި އޮތުމަކީ އިލްމު ފެތުރުމުގެ ހަރަކާތަކަށް ލޮޅުން އަރާފައި އޮތުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، 500 ހާފިޒުން އުފެއްދުމަށް ފެށި ނުވަ މިލިއަން ރުފިޔާގެ މަޝްރޫއު މަޑުޖެހިފައި އޮތުމަކީ އިލްމު ފެތުރުމުގެ ހަރަކާތަކަށް ލޮޅުން އަރާފައި އޮތުން ކަމަށެވެ. އަދި އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ޑރ.ޝަހީމް ވަނީ މިއުޒިކް ޝޯތައް ބާއްވާ އިރު، ކުރިން ބާއްވަމުން އައި ޤުރުއާން މުބާރާތްތައް ނުބާއްވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮންމެ އަހަރެއްގައި ވެސް ބާއްވާ ގައުމީ ގުރުއާން މުބާރާތް، މިއަހަރުގެ މިހާތަނަށް އައި އިރު ނުބާއްވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ދުވަސްތައްކަމުން އެ ދުވަސްތަކުގައި މުބާރާތް ބާއްވައިފި ނަމަ ބައިވެރިވާ ދަރިވަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ޑރ.ޝަހީމް ވިދާޅުވީ އިމްތިހާންތަކަށް ފަހު އޮތީ އަހަރީ ޗުއްޓީ ކަމުން އެ ދުވަސްތަކުގައި ވެސް މުބާރާތް ނުބޭއްވޭނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ގުރުއާން މުބާރާތް، މިއަހަރު ބާއްވާނެކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން ދީފައި ނުވާތީ ޝަހީމް ވަނީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭގެ އިތުރުން ދައުލަތުގެ މީޑިއާއިން ގެނެސްދިން "އެންމެ އަލިގަދަ ތަރި" އަދި އެޑިއުކޭޝަން މިނިސްޓްރީއާއި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ބޭއްވި ސްކޫލު ކުދިންގެ ޤުރުއާން މުބާރާތް ވެސް މިއަހަރު ނުބާއްވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ވެރިއެއް ނުހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާކަން ވެސް ޝަހީމް ފާހަގަކުރެއްވިއެވެ. ޝަހީމް ވަނީ މި ހުރިހާ ކަމެއް މިގޮތަށް އޮއްވައި އެކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ މުޅި ގައުމުގައި އޮތީ ކުޅިވަރާއި، މަޖަލާއި މިއުޒިކް ޝޯތައް ކަމަށެވެ.
ޑރ.ޝަހީމްގެ ވާހަކަފުޅުތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.