އަލީ ރިފްޝާން
އަލްހާ އީދާ ދިމާކޮށް ހއ. ދިއްދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެ މެޗު ހުއްޓާލައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެ ހަމަނުޖެހުން ހިނގީ ހީވެސްނުވޭ އާއި ޓީނޭޖް ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގެ ތެރެއިންނެވެ.
އެ ހަމަނުޖެހުން ހިނގާފައިވަނީ ހީވެސްނުވޭ ޓީމުން ތިން ލަނޑުގެ ލީޑެއް ނެގިތާ މާގިނައިރުތަކެއް ނުވަނީސް، ޓީނޭޖުގެ ކެޕްޓަނަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ޓީނޭޖްގެ ކެޕްޓަން ރެފްރީއާ ދިމާއަށް ބުނި އެއްޗެއްގެ ސަބަބުން ފުރަތަމަ ރީނދޫ ކާޑެއް ދައްކާފައިވާ އިރު، އޭގެ ފަހުން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
ރަތް ކާޑު ދެއްކުމާއެކު ޓީނޭޖްގެ ކެޕްޓަން ރެފްރީއާ ދިމާއަށް ދާން މަސައްކަތްކުރަނިކޮށް، އޭނާ ހިފެހެއްޓީ ޓީމުގެ އެހެން ކުޅުންތެރިންނެވެ. ޓީނޭޖްގެ ކެޕްޓަން ވަނީ ފަހުން ރެފްރީންގެ މޭޒާ ދިމާއަށް ގޮސް، އެ މޭޒުތަކަށް ވެސް ގެއްލުންދީފައެވެ.
ޓީނޭޖުގެ އެހެން ކުޅުންތެރިޔަކު ރެފްރީއަށް ހަމަލާ ދިނުމުގެ ސަބަބުން ފަހުން އޭނާއަށް ވެސް ރަތް ކާޑެއް ދެއްކިއެވެ. އެ ހާދިސާއަށްފަހު ފުލުހުން ވަނީ ރެފްރީއަށް ހިމާޔަތް ދީފައެވެ.
ދިއްދޫގައި މިއަދު ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ އެ މުބާރާތުގައި ޖެހުނު މައްސަލައެއްގައި ހަމަނުޖެހުން ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ގޮސް، މައްސަލަ އިތުރަށް ގޯސްވިޔަނުދީ އެކަން ހައްލު ކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ދިއްދޫގައި ބޭއްވި ފުޓްސަލް މެޗެއް ހޫނުވެ، ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެ މައްސަލައިގައި ބައެއް މީހުންނަށް ވަނީ ދައުވާ ވެސް ކޮށްފައެވެ.