ކޮންމެ އަހަރެއްގެ ވެސް އަޟްހާ އީދަކީ އަތޮޅުތެރޭގެ ރަށްތަކަށް އަންނަ ފޯރިގަދަ ބަންދެކެވެ. ސަގާފީ ކުޅިވަރުގެ އީދެކެވެ. މި ފޯރި ނެގުމުގައި އެކި ރަށްރަށް ތަފާތެވެ. ނުވަތަ ވަކި ރަށަކަށް ހާއްސަ ކުޅިވަރެއް ވެސް ހުރެއެވެ. އެގޮތުން އެއް ރަށަކީ ނ އަތޮޅު ވެލިދޫއެވެ.
އެރަށުގައި ހާއްސަ އެއް ކުޅިވަރަކީ ކޮންމެ އީދަކާއެކު ބާއްވާ ފޯރިގަދަ ފެންކުޅި މުބާރާތެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ މުބާރާތް ދަނީ ބާއްވަމުންނެވެ. ވެލިދޫގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރެސްޓް ބްލޮކްސުން އިންތިޒާމްކޮށްގެން ވޭތުވެދިޔަ ދެ އަހަރު އެ މުބާރާތް ބޭއްވިއިރު، މިއަހަރުގެ މުބާރާތް ބެއްވީ އެ ކުންފުންޏާއި ވެލިދޫ އީދު ކޮމެޓީއާ ގުޅިގެންނެވެ.
މިއަހަރުގެ މުބާރާތް އިއްޔެ ބާއްވައިފައިވާއިރު، މުބާރާތުގައި ހަ ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ޓީމަށް ވަނީ އެވޯޑް ވެސް ދީފައެވެ.
ވެލިދޫ ފެންކުޅި މުބާރާތް ކުޅެނީ ދިވެހިންގެ ތެރޭގައި މަޝްހޫރު "ފައިގައި ތަޅާ" ކުޅޭ އުސޫލުންނެވެ.
މުބާރާތުގެ ގަވައިދު ބުނާގޮތުން 20 ފޫޓު ނުވަތަ 35 ފޫޓުގެ ހަތަރެސްކަން ގޮޅިއެއް އަޅަންޖެހެއެވެ. މެޗު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވެވޭނީ މެނޭޖަރާއެކު 10 މީހުން ހިމެނޭ ޓީމަކަށެވެ. ޓީމުތަކުން ލާންޖެހޭނީ ހުދު ނުވަތަ އެއާ ގާތްކުރާ އަލި ކުލައެއްގެ ހެދުމެކެވެ. އަދި ކޮންމެ މެޗެއްގައި ވެސް ވާދަކުރާނީ ދެ ޓީމެވެ. އެއީ ގޮޅީގެ ބޭރުން ކުޅޭ ޓީމަކާއި އެތެރެއިން ކުޅޭ ޓީމެކެވެ.
މެޗުގެ ދިގުމިނަކީ 10 މިނެޓެވެ. އެއީ އެތެރެއިން ކުޅެންޖެހޭ ފަސް މިނެޓާއި ބޭރުން ކުޅުމަށް ލިބޭ ފަސް މިނެޓެވެ. އެގޮތުން މެޗު ކުޅޭއިރު ބޭރުން ކުޅޭ ޓީމު ގޮޅީގެ ދެކޮޅުގައި ތިބެގެން އެތެރޭގައި ތިބޭ ޓީމުގެ މެމްބަރުންނަށް އަމާޒުކޮށް ފެން ޕެޓީ އުކައެވެ. ނަމަވެސް ފަހަރަކު ކޮޅަކުން އެއްލޭނީ އެއް ފެން ޕެޓީއެވެ. އަދި އެއްލާ ފެން ޕެޓީއެއް ކުޅުންތެރިއެއްގެ ގައިގައި ޖެހި، ކޮތަޅު ފަޅައިގެން ގޮސްފިނަމަ، އެ ކުޅުންތެރިޔާ ނުބައިވާނެއެވެ.
ގަވައިދު ބުނާގޮތުން ބޭރުން ކުޅޭ ޓީމަށް ލިބޭ ފަސް މިނެޓު ތެރޭގައި ކިތަންމެ ގިނަ ފެން ޕެޓީއެއް ވެސް އުކިދާނެއެވެ. އެތެރޭގައި ކުޅޭ ޓީމަށް ފަށާއިރު 10 ޕޮއިންޓް ލިބެއެވެ. އެހެން ނަމަވެސް ކުޅުންތެރިން ނުބައިވާ ވަރަކުން އެ ޕޮއިންޓުތައް ދާނީ އުނިވަމުންނެވެ. އަދި މޮޅުވާ ޓީމެއް ކަނޑައަޅާނީ އެންމެ ގިނަ ޕޮއިންޓް ސަލާމަތް ކުރެވޭ ޓީމެއް ބަލައިގެންނެވެ.
އެގޮތުން އިއްޔެ ހެނދުނު ބޭއްވި މިއަހަރުގެ ފެންކުޅި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ "ދައުވަތު" ޓީމެވެ. އަދި ދެވަނަ "ކުޑަކުރާ"އަށް ލިބުނުއިރު، ތިންވަނަ ލިބުނީ "ބައޮކަލޯ" އަށެވެ.