އަލީ ރިފްޝާން
ވ.ކެޔޮދޫގެ ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭޒެޑްޖޭ ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ހުކުރު ދުވަހު އެ ފުޓްސަލް މުބާރާތް އިފްތިތާހުކުރުމަށް ވ.ކެޔޮދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ވާދަކުރިއެވެ.
މުބާރާތުގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ އެ މުބާރާތުގެ 'ގުރޫޕު އޭ'ގައި ހިމެނުނީ އެފްސީ މެގަ ކަޅު، އެސްސީ ހޮސްކޮވޯ އަދި އެންޖީ ސްޕޯޓްސްއެވެ. އަދި 'ގުރޫޕު ބީ'ގައި ހިމެނުނީ ކްލަބު ބްރޯކާސް، އެންޖިއަންސް އަދި ގޭދޮށު ޓީމެވެ.
މިދިޔަ ބުދަ ދުވަހު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ އެފްސީ މެގަ ކަޅު އަދި ކްލަބު ބްރޯކާސްއެވެ. އެފްސީ މެގަ ކަޅު ފައިނަލުން ޖާގަ ހޯދީ އެންޖިއަންސާ ވާދަކޮށް 3-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ކްލަބު ބްރޯކާސް ފައިނަލަށް ދަތުރުކުރީ އެންޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗް 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ފައިނަލް މެޗު ވެގެންދިޔައީ ބަލައިލަން ޝައުގުވެރި އަދި ފޯރިގަދަ މެޗަކަށެވެ. ފައިނަލް މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކްލަބް ބްރޯކާސްއެވެ.
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ މެގަ ކަޅުގެ މުހައްމަދު މިންހާޖް އާދަމްއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް އެފްސީ މެގަ ކަޅުގެ ލިތޯފް އަހްމަދު ފިރާގު ހޮވުނު އިރު، މުބަރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބު ބްރޯކާސްގެ އަހްމަދު ނަސީމެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބު ބްރޯކާސްގެ އަލީ ނަވާޒެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މުބަރާތުގެ ޗެމްޕިއަންކަންވެސް ހޯދި ކްލަބު ބްރޯކާސްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ކްލަބު ބްރޯކާސްގެ މޫސާ އަބްދުއްރަހުމާނާއި އެޓީމުގެ އަލީ ނަވާޒާއި އެންޖީ ސްޕޯޓްސްގެ ހުސައިން ޖިނާހާއި އެފްސީ މެގަ ކަޅުގެ މުހައްމަދު ތަސްނީމް އަދި އެޓީމުގެ ލިތޯފް އަހްމަދު ފިރާގެވެ.
ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުނު އެ މުބާރާތަކީ ވ.އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތެވެ. ރާއްޖޭގެ ކުޅިވަރުގެ ގިނަ ތަރިންތަކެއް އުފައްދާފައިވާ ކެޔޮދޫއަކީ ފުޓްބޯޅައިގެ ފޯރިގަދަ ރަށެއްކަން މިފަހަރުގެ މުބާރާތުންވެސް ވަނީ ފެނިގެންގޮސްފައެވެ. އެ މުބަރާތަކީ 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް އަޟްހާ އީދާ ދިމާކޮށް ބާއްވާ ކުޅިވަރުގެ ހަރަކާތެކެވެ.
އެ މުބާރާތް އިންތިޒާމް ކުރުމާއި ހިންގުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ވަނީ އިޖުމާލީގޮތެއްގައި ޝުކުރު ދަންނަވައިފައެވެ. ވަކިން ހާއްސަކޮށް މުބާރާތަށް ސްޕޮންސާޝިޕް ދެއްވި ފަރާތްތަކާއި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްގެ ނަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.