މުނިފޫހިފިލުވުން

ދުނިޔޭގެ އެންމެ ރީތި ފަސް ފިރިހެނުންގެ ކުރީގައި ރިތިކް

ފަތޯނާ ފާއިޒު

ރިތިކް ރޯޝަންއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެ، ބެލުންތެރިންގެ ހިތް އަތުލާފައިވާ ކުޅަދާނަ އެކްޓަރެކެވެ. އެކްޓުގެ މޮޅުކަމަކުން އެކަންޏެއް ވެސް ނޫނެވެ.

ދެހާހުގައި ނުކުތް "ކަހޯނާ ޕިޔާރުހޭ" އިން ބެލުންތެރިންނަށް އެންމެ ފުރަތަމަ ރިތިކް ފެނުމުން ވެސް، އޭނާގެ އެކްޓު ކުރުމުގެ ހުނަރާއި ރީތިކަމުގެ ވާހަކަ އެތައް ބަޔަކު ދެއްކިއެވެ. އަދިވެސް އެ ވާހަކައަކަށް ބަދަލެއް ނާދެއެވެ. މިއަހަރު އުމުރުން 45 އަހަރު ފުރުނު ރިތިކަކީ އަދިވެސް ދުނިޔޭގެ ރީތި ފިރިހެނުންގެ ލިސްޓުގައި ހިމެނޭ ތަރިއެކެވެ.

އެގޮތުން އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިތިކަށް މަރުދޭ އެތައް ފޭނުންނެއް ތިބިއިރު، އޮގަސްޓް މަހު މުޅި ދުނިޔެއިން ހޮވާލެވުނު އެންމެ "ހެންޑްސަމް" ފަސް ފިރިހެނުންގެ އެންމެ ކުރިން އޭނާއަށް ވަނީ ޖާގަ ހޯދައިފައެވެ.

އެ ލިސްޓުގައި ދެން ހިމެނޭ މީހުންގެ ތެރޭގައި ކްރިސް އިވަންސް، ޑޭވިޑް ބެކަމް އަދި ރޮބާޓް ޕެޓިންސަން ހިމެނެއެވެ.

ރިތިކް މި ދުވަސްވަރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ފިލްމު "ސުޕަރ 30"އަށް ރަނގަޅު ކާމިޔާބީއެއް ދަނީ ލިބެމުންނެވެ. އިންޑިއާގެ މަޝްހޫރު ހިސާބު ކިޔަވައިދޭ މީހެއް ކަމަށްވާ އާނަންދު ކުމާރުގެ މައްޗަށް ހަދާފައިވާ އެ ފިލްމުގައި ރިތިކް ފެނިގެންދަނީ ވެސް އާނަންދުގެ ރޯލުންނެވެ.