ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.
އެނގިފައިވާ ގޮތުގައި އަދީބަށް ފަރުވާ ދިނުމަށް މިރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގޮސްފައިވަނީ ހޭނެތިގެންނެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ނަސީމް ވިދާޅުވީ އަދީބު އައިޖީއެމްއެޗްއަށް ގެންދެވުނީ ހޭނެތިގެން ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. ނަމަވެސް އަދީބު އައިޖީއެމްއެޗްއަށް ގެންދެވުނީ ކޮން ބައްޔަކަށް ފަރުވާ ހޯދުމަށް ކަމެއް ނަސީމް ވިދާޅުވެފައެއް ނުވެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ނަސީމްގެ ކޮމެންޓަށް ރައްދުދެމުން އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތުދެމުން ބުނީ އަދީބު ހޭނެތިގެން ޖަލު ގޮޅި ތެރެއަށް ވެއްޓިގެން އައިޖީއެމްއެޗް އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށާއި އަދީބުގެ ނިއްކުރި ޖެހުމުގެ ސަބަބުން ދުޅަވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ މިމަހުގެ އެއްވަނަ ދުވަހު އަދީބު ހިފަހައްޓައިފައެވެ. އަދީބު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
މިމަހުގެ ފަސްވަނަ ދުވަހު އަދީބު، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގައި ދައުލަތުން އަދީބުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފައިވުމުން ސުޕްރީމް ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް މިމަހުގެ އަށްވަނަ ދުވަހު އަމުރުކޮށްފައެވެ.
އެއަށްފަހު އަދީބު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ.