މިއަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރުގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ތެރެއިން ދުރު ރަށްތަކަށް ބަދަލުކުރި މުވައްޒަފުން އަމިއްލަ ރަށަށް ބަދަލުކުރަން ފަށައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފެނަކައިގެ ގިނަ މުވައްޒަފުން ތަކެއް ދުރު ރަށްތަކަށް ބަދަލުކުރި އެވެ.
އެ ގޮތުން ފެނަކަ ކޯޕަރޭޝަން އިން ވަނީ އެކުންފުނީގެ ގދ. ތިނަދޫ ބްރާންޗުގެ ބައެއް މުވައްޒަފުން ވެސް ދުރު ރަށްތަކަށް ވަޒީފާ ބަދަލުކުރި ކަމަށް އަންގާފައެވެ.
ތިނަދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހީމް އަހުމަދު މިއަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަޒީފާ ރީލޮކޭޓު ކުރުމަށް ފެނަކަ އިން ނިންމީ ނ. އަތޮޅު ކުޑަފަރީއަށް ކަމަށާއި ތިނަދޫ ބްރާންޗުގެ ގިނަ މުވައްޒަފުންވެސް އުތުރުގެ ބްރާންޗުތަކަށް ބަދަލުކުރުމަށް އެންގި ކަމަށެވެ.
"ގާތްގަނޑަކަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން އެންގުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް. އެކަހަލަ ކަމެއް ކުރަން ފަސޭހައެއް ނުވާނެ އެކަކަށްވެސް،" އޭނާ ވިދާޅުވިއެވެ.
އިބްރާހީމް އަހުމަދު ވިދާޅުވީ އެކަމާ ގުޅިގެން ތިނަދޫ ބްރާންޗުގެ ބައެއް މުވައްޒަފުން ވަނީ ސަސްޕެންޑުވެސް ކޮށްފައި ކަމަށެވެ. ނަމަވެސް އެ ހުރިހާ މުވައްޒަފުން ތިނަދޫ ބްރާންޗަށް ވަޒީފާއަށް ނިކުންނަން މިހާރު އަންގާފައިވާ ކަމަށެވެ.
އެ މުވައްޒަފުން ރީލޮކޭޓްކޮށް ނުވަތަ ސަސްޕެންޑުކޮށްފައިވާ ސަބަބެއް ފެނަކައިން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލު އެ ކަމާ ގުޅިގެން އަޅުގަނޑުމެން ވަކި ގޮތެއް ނުނިންމައި މިކޮޅުގައި ތިއްބާ އަލުން ވަޒީފާ ތިނަދޫ ބްރާންޗަށް ބަދަލުކޮށްފައި ވަނީ. މިއަދު ނިކުންނަން އަންގާފައި އޮތީ،" އޭނާ ވިދާޅުވިއެވެ.
މިހާރު އެ ހުރިހާ މީހުން އަލުން ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.