މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޮންމެ މުވައްޒަފަކަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ދީފިއެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު އެއްކޮށް ވަޒީފާ އަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ވަނީ ލިބިފައެވެ. އަދި އެ ފައިސާ އީދު ބަންދުގެ ކުރިން މުވައްޒަފުންނަށް ޖަމާކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންނަށް އަހަރީ ބޯނަސް ދީފައިވަނީ އެ މުވައްޒަފަކު ވަޒީފާގައި އުޅުނު މުއްދަތަށް ބަލައިފައެވެ.
ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ބޯނަސް ނުލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުނި، އެމްއޭސީއެލް އިން މީގެ ކުރިން އަހަރީ ބޯނަސް ދެނީ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ އެއް މަަސް ދުވަހުގެ މުސާރައަށް ވާ ވަރެކެވެ.