ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކު ސިޔާސީ މަސައްކަތް ނުކުރެވޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މިއަދު ކަންތައްތައް ގޮސްފައިއޮތް ގޮތުން ޑރ. ޝަހިމާއެކު ސިޔާސީ ހަރަކާތް އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
"އަޅުގަނޑުމެން ހިތާމަކުރާ ހާލުގަވެސް ދެރަވާ ހާލުގަވެސް ސިޔާސީ މަސައްކަތް އިތުރަށް ކުރިއަށްގެންދިޔުމަކީ އެއީ ކުރެވެން ނެތް ކަމެއްކަން. އެކަމުގެ ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ދުވަސްވީ ރަހުމަތްތެރިކަމަކީ އެއީ އިންކާރުކުރެވެން އޮތްކަމެއް ނޫން،" ޝައިޚް އިމްރާން ވިދާޅުވިއެވެ.
ޑރ. ޝަހީމް މެދުވެރިކޮށް ސަރުކާރުން ހުށަހެޅި ޑީލް ގަބޫލުނުކުރެއްވީ ކީއްވެތޯ ދެންނެވުމުން އިމްރާން ވިދާޅުވީ ސިޔާސީ މަސައްކަތުގެ ތެރެއަށް އޭނާ ނުކުމެވަޑައިގަތީ ގަބޫލުކުރާ ހަމަތަކެއްގެމަތީގައި ހުރެގެން ކަމަށެވެ. އަދި އެ އުސޫލުތަކާއި ހަމަތައް ދޫކޮށްލެއްވުމަށްފަހު ޑީލެއް ހަދައިގެން ޖަލުން މިނިވަންވުމަކީ ގަބޫލުކުރެވޭ ކަމަކަށް ނުވާތީ އެކަން ނުކުރެއްވީ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވިގޮތުގައި އޭނާ ޖަލަށް ދާންޖެހިވަޑައިގަތީ ހައްގު މަސައްކަތަކާއިގެން ނުކުތުމުންނެވެ. އަދި މިނިވަންވުމަށް އިތުރު ގޮތްތަކެއް އިޚްތިޔާރު ނުކުރީ މިއަދު މިދެކޭ އުފާވެރި ދުވަސް ގެނައުމުގެ އެއް ހިއްސާދާރަކަށް ވެވަޑައިގަތުމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ މަސައްކަތުގެ ގޮތުގައި އަޅުގަނޑުމެން އެ މަސައްކަތް ކުރާކަމުގައިވާނަމަ ދަތި އުނދަގޫ ދުވަސްތަކާ ކުރިމަތިލައިގެން ނޫނީ ރާއްޖޭގެ ހާލަތު ބަދަލު ނުކުރެވޭނެ. ރައްޔިތުންގެ ހައްގު ހޯދައިނުދެވޭނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވެ އަޅުގަނޑު ގަސްތުކުރީ ރައްޔިތުންގެ ހައްގު ހޯދައިދިނުމަށްޓަކައި، ރައްޔިތުންނަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވެގެން ވެސް ރައްޔިތުންނާ ހަމައަށް އެދުވަސް ގެނެވޭނެ ކަމަށް،" އިމްރާން ވިދާޅުވިއެވެ.
ތިން އަހަރު ޖަލުގައި ހުންނެވުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރެއްގެދަށުން މިނިވަންވެފައިވާ އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހަކަށް ރާއްޖެ ހަގީގަތުގައި ފެންނަނީ ޖަލުން ކަމަށެވެ. އެގޮތަށް ދަންނަވަންޖެހެނީ ދަތިހާލުގައި އުޅޭ ކިޔަވައިގެން ތިބި ރަނގަޅު ޒުވާނުން ޖަލުން ފެނިވަޑައިގެންފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖަލުގެ ތޭރިތަކުގެ ތެރޭގައި ހާހުން ގުނާނެލެވޭ ޒުވާނުން، ވަރަށް ޓެލެންޓުތައް ހުރި ގާބިލް، ކިޔަވައިގެންތިބި މަސައްކަތްކުރެވޭ ރަނގަޅު ޒުވާނުންތައް އެތަނުގައި ވަރަށް ނިކަމެތި ހާލުގައި ވަރަށް އުނދަގޫގޮތުގައި އެ ވަގުތުތައް ހޭދަކުރަމުންދާ ދިޔުން ދެކިލުމުން އެއީ ރާއްޖޭގެ ހާލަތު މީހަކު ލޮލުން ދެކި އެކަމާ ހިތާމަކުރާނެ ކަމެއް،" އިމްރާން ވިދާޅުވިއެވެ.
އެފަދަ ބަޔަކު ޖަލުން ފެނިވަޑައިގަތުމުން އެއީ ބައެއްގެ އިހުމާލު އޮތްކަމެއް ކަމުގައި އޭނާ އަށް އިހުސާސް ކުރެވުނު ކަމަށާއި އެފަދަ މީހުން ސަލާމަތްކޮށްގެން ނޫނީ ރާއްޖޭގެ ހާލަތު ދުވަހަކުވެސް ރަނގަޅުވެގެންނުދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.