ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ޝަރުތު ހަމަވޭތޯ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރު އަދި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ސުވާލު އުފައްދަވައިފި އެވެ.
އާޒިމާ މި ސުވާލު އުފެއްދެވީ އޭނާ މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.
އާޒިމާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ، ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަރާތް ކަމަށެވެ. އެ ގޮތުން ރައީސުލް ޖުމުހޫރިއްޔާގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ވެސް ޝަރުތަކީ ރައީސުލް ޖުމުހޫރިއްޔާގެ ޝަރުތުތައް ކަން ގާނޫނު އަސާސީން ސާފުކޮށް އެނގެން އޮންނަ ކަމަށް އާޒިމާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
"އެހެން ކަމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރެވުނު ބޭފުޅާގެ އުމުރުން 65 އަހަރު ފުރިފައިވާތީ، އޭނާ އަށް ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ވެސް އަދައެއް ނުކުރެއްވޭނެ." އާޒިމާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބަށް މަގާމުގެ މަސްއޫލިއްޔުަތު އަދާނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވަން ގާނޫނު އަސާސީން ލާޒިމުކުރާ ފަރާތް ކަމަށް ވެފައި، އެ ޒިންމާ އާ ވަގުތީ ގޮތުން ހަވާލުވާ ފަރާތުގެ ވެސް ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީ ބުނާތީ، މަޖިލީހުގެ ރައީސް ކަމަށް 65 އަހަރު ފުރިފައި ހުރި ބޭފުޅަކަށް ވަޑައިގެންނެވިދާނެތޯ އެއީ އުފެދޭ ސުވާލެެއް ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
އާޒިމާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މައިގަނޑު ސަބަބަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އިންތިޚާބީ މަގާމެއްގައި ހުންނެވި ބޭފުޅަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެ މަސްއޫލިއްޔަތު ތަކާ ހަވާލުވަޑައިގެންނެވުމުގެ ޝަރުތުތައް މަޖިލީހުގެ ރައީސްގެ ކިބައިގައި ނެތިގެން، މަޖިލީހުގެ ނައިބު ރައީސް އެ މަސްއޫލިއްޔަތު ތަކާ ހަވާލުވެވަޑައިގަންނަވާ ނަމަ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ރައީސަށް ވުރެ ސީނިއަރ ވަނީތޯ ވެސް އެއީ ބަހުސް ކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ހުންނަވަނިކޮށް ނައިބު ރައީސަށް، ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވިދާނެތޯ ވެސް އާޒިމާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އާޒިމާ ވިދާޅުވީ މި މައްސަލައިގެ ބައެއް ސުވާލު ތަކަށް ގާނޫނު އަސާސީން ޖަވާބު ނުލިބޭ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ކައުންސެލް ޖެނެރަލް މި ކަމުގައި މަޖިލީހަށް ލަފައެއް ދެއްވައިގެން ނަމަވެސް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ގާނޫނު އަސާސީގައި ބުނާ ވަކި ހާލަތު ތަކެއް މެދުވެރިވެއްޖެ ނަމަ ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ވެސް ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތުތައް ކަމަށް ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެ އެވެ.
އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތުތައް ހަމަނުވާ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރެވިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.