ކާތިކް އާރްޔަން އަދި ސާރާ އަލީ ޚާންގެ ގުޅުމާ ބެހޭގޮތުން މިހާތަނަށް އޮފިޝަލް ކޮމެންޓެއް ލިބިފައި ނުވާއިރު ދެތަރިންވެސް އުޅޭ ގޮތުންނާއި ކުރާ ކަންތައްތަކުން އެމީހުންގެ ގުޅުން ސިއްރުވެފައެއް ނުވެއެވެ. ނަމަވެސް އެންމެންވެސް ތިބީ އެކަން އެމީހުންގެ ފަރާތުން ރަސްމީކޮށް ހިއްސާކުރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
މިފަހަރު ކާތިކް މިއޮތީ އެކަން ކޮށްފައެވެ. ސާރާގެ އުފަންދުވަހުގެ މުނާސަބަތުގައި ކާތިކް މިވަނީ އިންސްޓަގްރާމުގައި އެދެތަރިންގެ ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެވެ.
އިންސްޓަގްރާމުގައި ކާތިކް ހިއްސާކޮށްފައިވަނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.
ފޮޓޯގެ ކެޕްޝަނުގައި ވަނީ "ޕްރިންސަސްއަށް އުފާވެރި އުފަންދުވަހުގެ ތަހުނިޔާ އާއި އީދު މުބާރިކް" ވިޝް ކޮށްފައެވެ. އަދި ބްރެކެޓް ތެރޭގައި މާސްކް ނުލާކަމަށް ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާސްކް މިތާނގައި ކާތިކް ބުނެފައިވަނީ މިހާތަނަށް އެމީހުންގެ ގުޅުމަށް އެތައް މަހެއް ވެފައިވާއިރުވެސް ރަސްމީކޮށް ގުޅުމުގެ ވާހަކަ ހިއްސާނުކޮށް މާސްކެއްގެ ފަހަތުގައި ފޮރުވިފައި ތިބި ތިބުން ކަމަށް ވާތީއެވެ.
ކާތިކް ހިއްސާކޮށްފައިވާ ފޮޓޯ ނަގާފައިވަނީ ބެންކޮކްގައެވެ. ސާރާ ބެންކޮކަށް ގޮސްފައިވަނީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމު "ކޫލީ ނަންބަރު ވަން" ގެ ޝޫޓިންއަށެވެ. ކާތިކް ވަނީ ލަކްނައުގައި ކުރިއަށްދާ އޭނާގެ ފިލްމުގެ ޝޫޓިން މެދުކަނޑައިލުމަށްފަހު ސާރާގެ އުފަންދުވަހަށް ބެންކޮކަށް ގޮސްފައެވެ. އެއީ ސާރާ އަށް ސަޕްރައިޒެއް ދިނުމަށެވެ.
ސާރާ އާއި ކާތިކްގެ ފިލްމެއް ވަރަށް އަވަހަށް ފެނިގެން ދާނެއެވެ. އެއީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އަދި ދީޕިކާ ޕަޑުކޯން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ލަވް އާޖް ކަލް" ގެ ސީކުއިލްއިންނެވެ. އެ ފިލްމަށް ކިޔަނީ "އާޖް ކަލް" އެވެ.
ހަމަ އެއާއެކު ސާރާ މިވަގުތު އަންނަނީ "ކޫލީ ނަންބަރު ވަން" ގެ ރީމޭކުގެ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ. އެ ފިލްމުގައި ސާރާ ފެނިގެންދާނީ ވަރުން ދަވަންއާއެކުއެވެ.
ކާތިކް މިދުވަސްވަރު އަންނަނީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރީމޭކުގެ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ. މި ފިލްމުގައި އޭނާއާއެކު ބުމީ ޕެޑްނޭކަރް އަދި އަނަންޔާ ޕަންޑޭ ފެނިގެންދާނެއެވެ.