ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވިދާޅުވެއްޖެއެވެ.
އާޒިމް އެހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޓުވީޓުގައި އާޒިމް ވިދާޅުވެފައިވަނީ، އެ ދައްކަވަނީ ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ، އެ ވައްކަމަކީ، މިއަދު ހުރިހާ ކުންފުންޏަކުންވެސް ވަރަށް ކެރިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުންތަކެއް ވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވެފައިވާ އިރު، ދައުލަތުން އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލު ކުރުމުން ދައުލަތަށް ވަނީ، އެފަދަ ފަރާތްތަކަށް އެތައް މިލިޔަން ރުފިޔާގެ ބަދަލުދޭން ޖެހިފައެވެ.
އެގޮތުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލުކުރި މައްސަލައިގައި 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނެވެ. އަދި ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެތެރެއިން އެއްބައި ކަމުގައިވާ 30 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ބިގަށް ދީފައެވެ.
އަދި ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 15 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. ޑަބްލިއުއެލްޓީއަށް ދެއްކި 130 މިލިއަން ރުފިޔާ އަކީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު ( 231 މިލިއަން ) ރުފިޔާ އަށް ވާ ފައިސާ އިން ޓެކްސްއާ އެހެނިހެން އެއްޗެެއްސަށް ކެނޑުމަށް ފަހު ޖެހޭ އަދަދު ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިވެއެވެ.