ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވުން، "ދިރާގު ރޯޑް ރޭސް 2019" އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ މަހު 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށް ހުޅުވާލާފައި ވަނީ މި ހަފްތާ ތެރޭގައެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު ދިރާގު ރޯޑް ރޭސް ދެވަގުތެއްގައި ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހު ހެނދުނު ހައެއް ޖަހާއިރު 10 ކިލޯމީޓަރު ދުވުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހަައްދުން ފެށުމަށް ހަމަޖައްސާފައިވާއިރު، ފަސް ކިލޯމީޓަރުގެ ދުވުން ކުރިއަށް ދިއުމަށް ހަމަޖައްސާފައިވަނީ އެދުވަހު ހަވީރު އެވެ. މިއާއެކު ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ދެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދެއެވެ.
ދިރާގުން ވަނީ "ދިރާގު ރޯޑް ރޭސް 2019" އަށް ރަގިސްޓަރ ކުރުމަށް ހާއްސަކޮށްގެން ވަކި ވެބްސައިޓެއް ތައްޔާރުކޮށްފައެވެ.
އެންހާސް ރުފިޔާގެ ރެޖިސްޓްރޭޝަން ފީއަކާއެކު މި ދުވުމުގައި ބައިވެރިވެވޭ އިރު، ބޭނުން ބިބް ނަމްބަރެއް ހޯދުމުގެ ފުރުސަތު ދުވުންތެރިންނަށް މިފަހަރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން އިތުރު 500 ރުފިޔާގެ ފީ އަކާއެކު އެ ދުވުންތެރިއަކު ބޭނުން ބިބް ނަމްބަރެއް މިފަހަރު ދުވުންތެރިންނަށް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ.
ދިރާގު ޕޭ މެދުވެރިކޮށް ރަޖިސްޓްރޭޝަން ފީ ދެއްކޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ދިރާގު ޕޭއިން ފުރަތަމަ ފީ ދައްކަވާ 1000 ބައިވެރިންނަށް 50 އިންސައްތަ ޑިސްކައުންޓެއް ލިބޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރާގު ރޯޑް ރޭސް ބާއްވަމުން އަންނަ އިރު މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން މެދުނުކެނޑި ކުރިއަށްދާ ރޯޑް ރޭސް އެވެ.
މިރޭސް ކުރިން މާލޭގައި ބާއްވަމުން އައި ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަނީ ހުޅުމާލޭގައެވެ.