ގިނަ ދައުވާތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުއްލިޔަކަށް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ތާއީދުކުރައްވާ މެމްބަރުން ގޮވާލަމުންދާތީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެކަމާ ސުވާލު އުފައްދަވައިފިއެވެ.
ލަތީފް ކުރެއްވި ޓުވީޓެއްގައި، އަދީބުގެ ބޭސްފަރުވާ ކަންތަކުގައި މީގެ ކުރިން ބީރު ކަންފަތެއް ދިން ޕީޕީއެމް ޑީ ފެކްޝަންގެ މެމްބަރުން ކުއްލިޔަކަށް ޓުވިޓާގައި ގޮވަން ފެށީ ކޮން ގޮވެލި ފައްޗެއްތޯ ވަނީ ސުވާލު އުފައްދަވައިފައެވެ.
"ކުރީގެ ވީޕީ އަދީބުގެ ބޭސްފަރުވާގެ ކަންތަކުގައި މީގެ ކުރިން ބީރު ކަންފަތެއް ދިން ޕީޕީއެމްޑީއެފްގެ މެމްބަރުން ކުއްލިޔަކަށް ޓުވިޓާގައި މި ގޮވަން ފެށީ ކޮން ގޮވެލި ފައްޗެއްތޯ؟. ކަން ދައްކަން ނޫޅެ ދެންވެސް ގަޓު ހުރި ރައީސް ޔާމީނަށް ދަންނަވައިގެން ތިކަން އަވަސް ކުރަންވީ ނޫންތޯ؟. ބާކީ އޮތީ 14 ދުވަސް،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހުކޮށްދިނުމަށް ރައީސް ޔާމީނަށް ތާއީދުކުރައްވާ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވެސް ވަނީ ގޮވާލައްވައިފައެވެ. އަދި އިނގުރައިދޫ މެމްބަރު އިބްރާހިމް ފަލާހު ވަނީ އަދީބު މިނިވަންކުރުމަށް ވެސް ގޮވާލައްވައިފައެވެ.
އަދީބުގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އަދީބު ދޫކޮށްލެވުމަށް އެދި އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އަދީބު ދޫކޮށްލެވުމަށް ކަރެކްޝަނަލް ސާވިސް އަށް އެންގުމަށެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް އެދި ސިޔާސީ ފަރާތްތަކުން ވަނީ މީގެކުރީންވެސް ގޮވާލާފައެވެ. ނަމަވެސް އެކަމާ ގުޅިގެން ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރިލްވާންގެ އައިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާއި އަދީބާ ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވި މައުލޫމާތުން އެނގޭ ކަމަށެވެ.
އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.