ގިނަ ދައުވާތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވެސް ގޮވާލައްވައިފިއެވެ.
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މުބީން ގޮވާލައްވާފައިވަނީ މިރޭ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
މުބީން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް އަދީބަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ތަނަސްކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
މުބީންގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވެސް ވަނީ އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައްވައިފައެވެ. އަދި އިނގުރައިދޫ މެމްބަރު އިބްރާހިމް ފަލާހު ވަނީ އަދީބު މިނިވަންކުރުމަށް ވެސް ގޮވާލައްވައިފައެވެ.
އަދީބުގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އަދީބު ދޫކޮށްލެވުމަށް އެދި އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އަދީބު ދޫކޮށްލެވުމަށް ކަރެކްޝަނަލް ސާވިސް އަށް އެންގުމަށެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް އެދި ސިޔާސީ ފަރާތްތަކުން ވަނީ މީގެކުރީންވެސް ގޮވާލާފައެވެ. ނަމަވެސް އެކަމާ ގުޅިގެން ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރިލްވާންގެ އައިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާއި އަދީބާ ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވި މައުލޫމާތުން އެނގޭ ކަމަށެވެ.
އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.