ރިޔާސީ އިންތިހާބު

ގައުމު އަޅުވެތިކަމަށް ދިޔަ ނުދީ، މިނިވަންކަންމަތީ ބޭއްވުމަށް ރައީސް ޔާމީނަށް ވޯޓު ދެއްވާ: އަދުރޭ

ފޮނަދޫ ދާއިރާގެ ހުރިހާ ރައްޔިތުންވެސް އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދޭންޖެހޭ އެތައް ސަބަބެއް އެބައޮތް ކަމަށާއި، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެކަން ކޮށްދެއްވުމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރެއްވުމަށް އަމިއްލަ ދާއިރާއަށް ދެވުނީ މަދުން ނަމަވެސް، ފޮނަދޫ ދާއިރާގެ ރައްޔިތުން ކެމްޕޭންގައި ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ އިންތިހާބުގެ ކުރިން އޭނާއަށް ޕޯޑިއަމްއެއްގައި ވާހަކަ ދެއްކެވޭނެ ފަހު ފަހަރުކަމަށްވެދާނެ ކަމަށާއި، އެހެންކަމުން އޭނާގެ ދާއިިރާއަށް ދޭންޖެހޭ މުހިއްމު މެސެޖެއް އެބައޮތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

ފޮނަދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަނިޔާވެރިކަން ދެން މިގައުމަށް ނުގެނައުމަށްޓަކައި، އިންސާފްވެރިކަމާއެކު ވެރިކަން ކުރާނެ ވެރިއަކަށް ޖާގަ ދިނުމަށްޓަކައި، އަޅުގަނޑުމެން ބޭނުންވާ ތަރައްގީ ގެނެވޭނެ ފަދަ ގޮތަކަށް ގައުމު ބައްޓަން ކުރެވޭނެ ވެރިއެެއް ގެނައުމަށްޓަކައި، ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކުރެވޭނެ ލީޑަރަކު ހޯދުމަށްޓަކައި، ގައުމު އަޅުވެތިކަމަށް ދިޔަނުދީ، ގައުމު މިނިވަން ކަމުގައި ބޭއްވުމަށްޓަކައި، އަންނަ އާދީއްތަ ދުވަހު ނުކުމެ ރައީސް ޔާމީނަށް މުޅި ރާއްޖޭގެ އެންމެން ވޯޓު ދޭން އެބަޖެހޭ،
އަދުރޭ

އަދުރޭގެ ވާހަކައިގައި ދެން ފާހަގަކުރެއްވީ ކުރީގެ ރައީސް މައުމޫންގެ ވާހަކައެކެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރައީސް މައުމޫނަށް އެންމެ ހެޔޮއެދޭނެ ވެރިޔާކަމަށާއި، މައުމޫން ސަލާމަތް ކުރެއްވުމަށްވެސް ހޮވަންވީ ހަމަ ރައީސް ޔާމީން ކަމަށެވެ.

"ދަންނަވާލަން ބޭނުންވަނީ ގައުމާ ދީނުގެ ހައްގުގައި ނުކުމެގެންނޭ މިތިބީ ބުނެ ނުކުމެގެން އުޅޭއިރު، އިހަށް ދުވަހު ތިމަންނަމެންގެ އަނގައިން ތިމަންނަމެންގެ ދުލުން، އެމީހެއްގެ ވެރިކަމެއްގައި އިސްލާމްދީނެއް ނޯންނާނޭ ބުނި މީހުނާއެކު، އުމުރުން 70-80 އަހަރުވީމަވެސް ނުކުމެ ސޯލިހަށް ވޯޓު ދެއްވާށޭ ބުނީމަ އެއީ ރަނގަޅުގޮތެއް ނޫން. އަޅުގަނޑު މިދަންނަވަނީ ރައީސް މައުމޫނަށް އެންމެ ހެޔޮ އެދިވަޑައިގަންނަވާނީ ރައީސް ޔާމީނޭ. ރައީސް މައުމޫން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީން ވެރިކަމަށް އައިސްގެން. އިބްރާހީމް މުހައްމަދު ސޯލިހު އައިސްގެނެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށްވުރެ ބޮޑަށް ރައީިސް މައުމޫނަށް އިހުތިރާމް ކުރާނެ މީހަކު ނުހުންނާނެ ކަމަށާއި، ރައީސް މައުމޫން ޖަލަށްލުމުން އިދިކޮޅު އެމްޑީޕީގެ ހުރިހާ އެންމެނަށްވެސް އެއީ އުފާވެރިކަމެއް ކަމަށެވެ. އަދި މިހާރު ރައީސް މައުމޫން ޖަލުގައި އޮންނެވީވެސް އެމްޑީޕީގެ މަޅިއެއްގައި ޖެހިގެން ކަމަށްވެސް އަދުރޭގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.