އަލްހާ އީދު

ދުވާފަރު އާއިލާއަކުން ނިކުމެ އެރަށު ތުނޑީ ސަރަހައްދު ސާފުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

''އީދު އުފާ'' ގެ ނަމުގައި ރ. ދުވާފަރު ރުކުމާ އާއިލާގެ ހުރިހާ މެންބަރުން ގުޅިގެން އެރަށު ބީޗް ސަރަހައްދު ސާފުކޮށްފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރުކުމާ އާއިލާގެ މެންބަރެއް ކަމަށްވާ ފާތުމަތު ޔޫސުފު ބުނީ، މިއަދު ހެނދުނު އެއާއިލާގެ ފަރާތުން ސާފުކޮށްފައިވަނީ ރަށުގެ ތުނޑި ހިމެނޭ ސަރަހައްދު ކަމަށެވެ.

މިހަރަކާތުގައި އާއިލާގެ އެންމެ ތުއްތު ކުދިން ފެށިގެން ދޮށީ އުމުރުގެ މީހުން ވެސް ބައިވެރިވި ކަމަށް ފާތުމަތު ބުންޏެވެ.

ފާތުމަތު ބުނިގޮތުގައި އީދު ދުވަހާ ދިމާކޮށް އެފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔައީ މިދުވަސްވަރު ރަށުތެރޭގައި ޑެންގޫއާއި ބޭރަށް ހިންގުން ފަދަ ރޯގާތައް ފެތުރެމުންދާތީ އެކަމުން ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެއާއިލާގެ ފަރާތުން މިފަދަ ހަރަކާތެއް ބޭއްވުމަކީ ވަރަށް ބޮޑަށް އުފާކުރާ ކަމެއްކަން ފާހަގަކޮށް ފާތުމަތު ބުނީ މިއީ އާއިލާގެ ގުޅުން ވަރުގަދަކަން ދައްކުވައިދިން ކަމެއް ކަމަށެވެ.

ދުވާފަރުގައިވެސް މިއަހަރު އީދު ކުޅިވަރުތައް އަންނަނީ ކުޅެމުންނެވެ.

އެގޮތުން އީދު ނަމާދަށްފަހު ތަފާތު ހަރަކާތްތައް ދުވާފަރުގައި ކުރިއަށްދާއިރު މިއަދު މެންދުރު ދެޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ވާދެމުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހަވީރު ކުޑަ ކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ މަސްވެރިންގެ ފަރާތުން ބާއްވާ ''އޮއިވާލި ކަޕް'' ފުޓް ބޯޅަ މެޗެއްވެސް ކުރިއަށްދާނެއެވެ.