ގެއަކުން ވައްކަންކޮށްގެން ނުކުތް ދެ މީހަކު ފިލަން ދުވަނިކޮށް، ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މާފަންނު ވިލީ ފުލުހުން ރޭ މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، ރޭ މެންދަމު 2:46 ހާއިރު އިއްޒުއްދީން މަގުގައި ހުރި ގެއަކުން ވައްކަން ކުރީ ދެ މީހަކު ކަމަށެވެ.
އެމީހުން އަތުލައިގަތީ ވައްކަން ކުރުމަށްފަހު ބޭރަށް ނުކުތް ވަގުތު ފުލުހުން ފެނިފައި ފިލަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން އެދެމީހުން ވައްކަންކޮށްފައިވަނީ ޓިމްބާ ހައުސް ކުންފުނީގެ އޮފީހުގެ ތަޅު ހަލާކޮށް، ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެއޮފީހުން ވަގަށް ނަގާފައިވަނީ އެއް ޖޯޑު ފޮތި އަންގި ކަޅު ކުލައިގެ ދެ ހޫޑް، ކަޅު ކުލައިގެ އެއް ކެޝުއަލް ބޫޓް އަދި ފޯނެކެވެ. މިތަކެތި އެމީހުން ހިފެހެއްޓި އިރު އެތަނުން ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.