އަލްހާ އީދު

"އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ ދަރިންނަށް މިއަދު ވަނީ ބޭނުންވެފައި"

މިހާރަކަށް އައިސް ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާތަން ކަމަށާއި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ބޭނުންވެފައިވާ ކަމަށް އަލްހާ އީދު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަށް މިއަދު މިވަނީ މި ގުރުބާނީން އިބުރަތް ހާސިލުކުރަން ޖެހިފައި ކަމަށާއި އިބްރާހީމުގެ ފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައި ކަމަށެވެ.

"އެހެނެއްކަމަކު މިހާރަކަށް އައިސް ފެންނަމުންދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަތަނެވެ. ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ ތަނެވެ. މި ދީނުގެ ނަބިއްޔާއަށް ފުރައްސާރަކުރަމުންދާ ތަނެވެ. މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި އެތަންތަން ފޭރިގަންނަ ތަނެވެ. މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުންނެވެ. އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް އިލްމުވެރިންގެ ގަދަރު ދަނީ ވައްޓައިލަމުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށާއި އިސްލާމްދީން މިވަނީ އެ ދީނުގެ ވަތަނުގައި ބީރަށްޓަހި ކޮށްފައި ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އެމީހުންގެ ވަގުތުންނާއި އެމީހުންގެ މުދަލުންނާއި އެމީހުންގެ އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ވަނީ ބޭނުން ވެފައެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް މިއަދު ވަނީ ބޭނުންވެފައެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ފިތުރު އީދެކޭ އެއްފަދައިން، މި އީދަކީ ވެސް ﷲ އެންގެވި އަމުރުފުޅަކަށް އިޖާބަ ދެވުނީތީ އުފާކުރާ އުފާކުރުމެއް ކަމަށާއި ﷲ މި ދެއްވި ނިއުމަތަށްޓަކައި ޒިކުރުކޮށް ތަކުބީރު ކިޔަން ވާނެ ކަމަށެވެ. އެހެންކަމުން އީދު ފާހަގަކުރަން ޖެހޭނީ ﷲ މަނާކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެ ތިބެން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އީދަކީ އުންމަތުގެ މާޒީ، މި ޒަމާނާ ގުޅިވައިދޭ ޒިކުރާތަކެއް ހިމެނޭ ކަމެކެވެ. މަތިވެރި ހަޟާރަތެއް ބިނާކުރި އުންމަތެއްގެ ހަރުދަނާކަމާއި ފުރިހަމަކަން ހާމަކޮށްދޭ އިހުތިފާލެކެވެ. އުންމަތުގެ ކާބަފައިންގެ ކިބައިގައި ހުރި ރިވެތި އަޅުންތަކާއި ގުޅުންތައް ދިރުވައިދޭ މުނާސަބަތެކެވެ. އިސްލާމީ އުންމަތަކީ އަހުރެންވަންތަކަން ދޫކޮށްލާފައި އަހުރެމެން ވަންތަކަމަށްޓަކައި މަސައްކަތްކުރަން ޖެހޭ އުންމަތެކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ފަގީރުކަމާއި ތަދުމަޑުކަމާއެކު ވެސް އަނެކުންނަށް އިސްކަންދިން އުންމަތެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުންގެ އީދަކީ މިނިވަންކަމުގެ އީދެއް ކަމަށާއި މުސްލިމުންގެ އީދު ވާންޖެހޭނީ ނަފުސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ އީދަކަށް ކަމަށެވެ.