މާލެއާއި އަތޮޅުތަކުގައި އަލްހާ އީދު ނަމާދުކޮށްފިއެވެ.
މިއަހަރުގެ އަލްހާ އީދު ނަމާދު، މާލޭގައި ކޮށްފައިވަނީ ހުކުރު ނަމާދުކުރާ މިސްކިތްތަކުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި މިއަހަރުގެ އަލްހާ އީދު ނަމާދުކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އީދު ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގައެވެ. އީދު ނަމާދަށްފަހު ރައީސް ވަނީ މިސްކިތުގައި ޖަމާވެފައި ތިބި މީހުންނާ ސަލާމްކުރައްވައިފައެވެ.
މިއަދު ހެނދުނު މާލެ އަދި ބައެއް ރަށްރަށަށް މޫސުން ގޯސް ނަމަވެސް، އީދު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މިސްކިތްތަކުގެ އެތެރެއިން ޖާގަ ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މިސްކިތްތަކުގެ ބޭރުގައި ވެސް އީދު ނަމާދުކޮށްފައިވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ އެލާޓުތަކެއް ވެސް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ މެދުތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00ގެ ނިޔަލަށެވެ.