އަލްހާ އީދު

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

މާލޭގައި ބޮޑު ޖަމާއަތުގައި އަލްހާ އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު މާލޭ އަވަށްތަކުގައި އީދު ނަމާދު ކުރާނީ ހަމައެކަނި ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ފިތުރު އީދު ނަމާދު ވެސް މާލޭގެ އަވަށްތަކުގައި އީދު ނަމާދުކޮށްފައިވަނީ ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ އެލާޓުތަކެއް ވެސް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ މެދުތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.