ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ދުނިޔޭގެ ހަތަރު ގައުމެއްގައި ތިބި ނިކަމެތި މުސްލިމުންނަށް އުލުހިޔާ ކަތިލުމުގެ ހަރަކާތެއް ހިންގަން ނިންމައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލުމާތު ދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއާ އާދަމް ނާއިފު ވިދާޅުވީ، މާދަމާ އުލުހިޔާ ކަތިލުމަށް ނިންމާފައިވަނީ ސީރިޔާ، ޣައްޒާ ރޮހިންޔާ، އަދި މެލޭޝިޔާގައި ތިބި ރޮހިންޔާގެ ރެފިއުޖީންނަށް ކަމަށެވެ.
ނާއިފު ވިދާޅުވީ މިހަރަކާތް ހިންގަނީ އެގުމުތަކުގައި ތިބި މުސްލިމު ފަގީރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާ ޖަމްއިއްޔާތަކާ ގުޅިގެން ކަމަށެވެ. އަދި އުލުހިޔާ ކަތިލުމަށްފަހު އެގައުމުތަކުގައި ތިބި ފަގީރުންނަށް ސޮދަގާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ގެރި ބަކަރި، އަދި ކަންބަޅިއާއެކު ޖުމްލަ 83 ޖަނަވާރު ސީރިޔާގައި ކަތިލުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މެލޭޝިޔާގައި ތިބި ރޮހިންޔާ ރެފިއުޖީންނަށް ހަތަރު ގެރި އާއި އެއް ބަކަރި ކަތިލާއިރު، ބަންގްލަދޭޝްގައި ތިބި ރޮހިންޔާގެ ރެފިއުޖީންނަށް ފަސް ގެރި އާއި ދެ ބަކަރި ކަތިލުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން ޣައްޒާގައި ތިރީސް ބަކަރި، ބާރަ ގެރި ކަތިލާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގެ ނަމުގައި އުފައްދާފައިވާ އެޖަމާއަތަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަގުސަދުގައި އުފައްދައިފައިވާ ޖަމާއަތެކެވެ.