އަލްހާ އީދު

މިރޭ އީދު ހުޅުޖެހުމާއެކު ހުޅުމާލެ ބޮޑު އީދުގެ ހަރަކާތްތައް ފަށަނީ!

މަރިޔަމް ޝަހުދާ

މިރޭ ހުޅުމާލޭގައި އީދު ހުޅުޖެހުން (އީދު މަޅި) އާއެކު ހުޅުމާލޭ ބޮޑު އީދުގެ ހަރަކާތްތައް ފަށާނެއެވެ.

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން އިންތިޒާމްކޮށްގެން މިފަހަރުފެ އީދުގައި ހުޅުމާލޭގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އީދު މަޅީގެ ހަރަކާތާއެކު ފަށާ އީދުގެ ހަރަކާތްތައް، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އެޗްޑީސީ އިން ވަނީ ހަމަޖައްސައިފައެވެ.

ބޮޑު އީދު ފާހަގަ ކުރުމަށް އެޗްޑީސީން އީދު މަޅީގެ އިތުރުން ބޮޑުބެރުގެ ހަރަކާތެއް މިރެއަށް ވަނީ ރާވައިފައެވެ.

އެގޮތުން ހުޅުމާލެ ސެންޓްރަކް ޕާކު ސަރަހައްދުގައި ބޮޑުބެރުގެ ހަރަކާތްތައް މިރޭ 8:30 ގައި ފެށުމަށް ވަނީ ހަމަޖައްސައިފައެވެ.

އީދު ހުޅުޖެހުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގަައެވެ.

އީދު ދުވަހު ހެނދުނު އީދު ނަމާދަށް ފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އީދު ސަޔަށް، ކާއެއްޗެހި ގެނައުމަށް އެޗްޑީސީއިން ވަނީ ހުޅުވާލައިފައެވެ. އީދު ނަމާދަށް ފަހު އީދު ސައިގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހެނދުނު ނުވައެއް ޖަހަންދެނެވެ.

މާދަމާ ހަވީރު ހުޅުމާލޭގައި މާލި ޕެރޭޑެއް އޮންނާނެއެވެ.

އެގޮތުން ހެނދުނު 10:00 އިން 12:00 އަށް ކޯޑި ހެދުމުގެ މަސައްކަތް އެއްނަންބަރު ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ.

އެޗްޑީސީން ބުނީ ކޯޑި ތައްޔާރު ކުރާގޮތް ބެލުމުގެ އިތުރުން އެކަން ދަސްކުރުމުގެ ފުރުސަތު ކޯޑިހެދުމުގެ ހަރަކާތުން ދަސްވެގެންދާނެ ކަމަށެވެ. އަދި މި ހަރަކާތައްފަހު މާދަމާ 16:00 އިން 18:00 އަށް ހުޅުމާލެ ރެހެންދި ސްކޫލުން ފެށިގެން ސެންޓްރަލް ޕާކަށް ނިންމުމަށް މާލި ޕްރޭޑް ދާނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ބޮޑުމަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް އެޗްޑީސީ އިން ވަނީ ހަމަޖައްސައިފައެވެ.

ވަޅުއީދު ދުވަހަށް އެޗްޑީސީން ވަނީ ހާއްސަ ކުޅިވަރުތަކެއް އިންތިޒާމްކޮށްފައެވެ.

އެގޮތުން ވަޅުއީދު ދުވަހު ހެނދުނު 10 އަކުން ފެށިގެން ހަވީރު ހަތަރަކާ ހަމައަށް އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ކުރިއަށްގެންދާ ފައިގަތަޅާ، ގޯނިރޭސް، ލުނބޯ ރޭސް، އާއިލީކާޑު އަދި ތިންފައިރޭސްގެ އިތުރުން އެމްއެންޑީއެފްގެ އެކި ހަރަކާތްތައް ރުއްގަނޑު ސަރަހައްދުގައި މޫދު ކުޅިވަރުގެ އިންތިޒާމް ކުރިއަށް ދާނެއެވެ.

މި ހަރަކާތްތަކުގެ އިތުރުން ހުޅުމާލެ ސެންޓްރަލް މޯލް ގައި އީދު ޝޯއެއް ބޭއްވުމަށް އެޗްޑީސީން ވަނީ ހަމަޖައްސައިފައެވެ.

އީދު ޝޯ ކުރިއަށް ދާނީ 13 އޮގަސްޓްވާ އަންގާރަ ދުވަހުއެވެ.