ރާއްޖެއިން ހައްޖަށް ފޮނުވި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށާއި ހުރިހާ ދިވެހި ހައްޖާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެފިއެވެ.
ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް އެންމެ މުހިއްމު ރުކުނަކީ ހައްޖު ދުވަހު އަރަފާތު ބިމުގައި ވަގުތު ހޭދަކުރުމެވެ. އެގޮތުން ހައްޖު ދުވަހު އަރަފާތު ބިމުގައި އަޅުކަން ކުރުމުގައި ހައްޖުވެރިން މުޅި ދުވަސް ހޭދަކުރެއެވެ.
ކޮންމެ އަހަރަކުވެސް އަރަފާތު ބިމުގައި ހައްޖު ހުތުބާގެ އިންތިޒާމް ހަމަޖައްސާއިރު މިއަަހަރު ހައްޖު ހުތުބާ ދެއްވުމަށް ސައުދީ އަރަބިއްޔާއިން ހަމަޖައްސާފައިވަނީ އެ ގައުމުގެ އެންމެ ބޮޑެތި އިލްމުވެރިންގެ ކޮމިޓީގެ މެންބަރު އަދި ހާދިމުލް ހަރަމައިނި އައްޝަރީފައިން ކޮމްޕްލެކްސް ފޯރ ހަދީޡްގެ ރައީސް އައްޝައިހް މުހައްމަދު ބިން ހަސަން އަލް ޝެއިޚް އެވެ.
ހައްޖުވެރިން މިއަދު އަރަފާތު ބިމުގައި ވަގުތު ހޭދަކުރުމަށް ފަހު ކުރިއަށް އޮތް ތިން ދުވަހު މަޑު ކުރުމަށް ހަމަޖެހިފައިވަނީ މިނާގެ ފޭލިގެތަކުގައެވެ. ނަމަވެސް މިއަދު އަރަފާތު ބިމުން ފޭބުމަށްފަހު ހައްޖުވެރިން މުޒުދަލިފާގައި ރޭކުރާނެއެވެ. ހައްޖުވެރިންގެ އިހުރާމް ކަނޑާނީ ޖަމްރާއަށް ހިލަ އުކުމަށްފަހުއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 2000 ކޯޓާ ލިބިފައިވެއެވެ. މި ކޯޓާ ތަކުގައި ހައްޖު ކޯޕަރޭޝަންގެ އިތުރުން، ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ގެންގޮސްފައިވަނީ އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ.