ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދީން ބަލަހައްޓާ މަރުކަޒު، ހުޅުމާލޭ ފިޔަވަތީން މިއަދު ހެނދުނު ފިލު ހަތް ކުއްޖަކު ފެންސެއްގެ މައްޗަށް އަރައި ތިއްބައި ހޯދައިފި އެވެ.
މި ހަތް ކުދިން ހުޅުމާލެ ފިޔަވަތިން ފިލައިގެން ގޮސްފައިވަނިކޮށް ފުލުހުން ހޯދާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލޫ ކައިރީ ހުރި ފެންސެއްގެ މައްޗަށް އަރައި ތިއްބައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ކުދިން ފިލައިގެން ދިޔަ ކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުއެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން މިކުދިން މިހާރު ހޯދާފައިވާއިރު، މި ކުދިން ފިޔަވައްޗާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ވިލިނގިލީގައި ހުންނަ ކުޑަކުދީންގެ ހިޔާއިން 14 އަހަރުގެ ކުއްޖަކު މިދިޔަ ޖޫން މަހު ފިލާފައިވެ އެވެ. އެ ކުއްޖާ ފެނުނީ މާލޭގެ ގެއެއްގެ ތެރޭގައި ފިލުވައިގެން ގެންގުޅެނިކޮށް މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.
ފިޔަވަތީގައި އުޅޭ ކުދީން އެތަނުގެ ފެންސު މައްޗަށް އަރައި ތިބި ފޮޓޯތަކެއް މިދިޔަ ހަފުތާގައި ވެސް ވަނީ މީސްމީޑިއާގައި ދައުރު ވެފަ އެވެ.