ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ޝަހީމް ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ކުރީގެ އިސްލާމިކް މިނިސްޓަރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.

މިކަމާ ގުޅިގެން ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ ފަރާތުން މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ ޑރ. ޝަހީމް އެ ކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމަކީ ހައްޖާއި އުމްރާގެ ކަންކަމުގެ އިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ޝަހީމްގެ އިރުޝާދާއެކު އެކުންފުނީގެ ފަރާތުން އުމްރާވެރިންނަށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ޔާމީން އިދުރީސް މައުލޫމާތު ދެއްވިއެވެ.

ޝަހީމަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޝަހީމް ވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަގާމަށް ދާދި ފަހުން އައްޔަން ކުރައްވާފައެވެ. ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމާއި ޗާންސެލަރުކަންވެސް ޝަހީމް ކުރައްވާފައިވެއެވެ.

ގިބްލަ ހައްޖު އެންޑް އުމްރާއަކީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދީފައިވާ ކުންފުންޏެކެވެ.