ހުތުބާ

އެންމެ މާތް ދުވަހަކީ އަރަފާތު ދުވަސް، އެ ދުވަހު ހައްޖުވެރިންގެ ފާފަތައް ފުއްސަވައިދެއްވާނެ: ހުތުބާ

މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށާއި އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައިދެއްވާ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަރަފާތު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް ކަމަށާއި އެއީ ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމަށެވެ.

"މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހެވެ. އެދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައިދެއްވައެވެ. އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތްﷲގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމު ނުވާ ކަމަށާއި ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ. އަދި މާތްﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަރަފާތު ދުވަހު ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުއާކުރުމަށް އަންގަވާފައިވެއެވެ. މާތްﷲ ހަނދުމަކޮށް އެކަލާނގެ ހަޟްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެކެވެ. އިންސާނާ ޣާފިލުވުކަމުން ދުރުކޮށް، ހާލިގުވަންތަ ﷲ ސުބުހާނަހޫ ވަތައާލާއާ ގުޅުވައިދޭ އެންމެ މުހިންމު އެއް ވަސީލަތަކީ ދުއާކޮށް، އެކަލާނގެ މަތީން ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު ގުޅުން ދަމަހައްޓައިދޭ ވަސީލަތެކެވެ. އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަހެވެ. އެހެންކަމުން އެދުވަހު ދުއާ ކުރުން ގިނަ ކުރަންޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މިމަހު އަންނަ މަތިވެރި އަނެއް ދުވަހަކީ އަލްހާ އީދު ދުވަސް ކަމަށާއި އަލްހާ އީދު ދުވަހަކީ މީހުންނަށް ހެޔޮކަން ފޯރުވައި، އެހީތެރިވުމުގެ ދުވަސް ކަމަށެވެ. އަދި އެދުވަހަކީ އުލްހިޔާ ކަތިލުމުގެ ދުވަސް ކަމަށާއި އުލްހިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.