ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރާކަން ހާމަވެއްޖެއެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ އާއިޝަތު ބިސާމް ހާޒިރުކުރައްވައި ރިލްވާން ގެއްލުވާލި މައްސަލަ ދައުލަތުން އިސްތިއުނާފުކުރިންތޯ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ބިސާމް ވިދާޅުވެފައިވަނީ އެމައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ.
ނަމަވެސް ރިލްވާނުގެ އާއިލާއިން ހައި ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން، މިއަދު ހައިކޯޓުން އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް ނުވަތަ އިސްތިއުނާފު ކުރުމަށް އެދިފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ.
ނަމަވެސް ކޮމެޓީގައި ވާހަކަދައްކަވަމުން ބިސާމް ވަނީ އެ މައްސަލައިގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގުގެ އެންމެ ފުރަތަމަ މަރުހަލާގައި ވެސް ފުރިހަމަ ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ހުރުމުން އެ ކަންބޮޑުވުންތައް އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށާއި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ސިޓީއަކުން ހިއްސާ ކުރެއްވި ކަމަށެވެ. އެ ސިޓީގެ ކޮޕީއެއް މަޖިލީހަށް ވެސް ފޮނުއްވި ކަމަށް ބިސާމް ވިދާޅުވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލަ މިހާރު ގެންދަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ.
އެގޮތުން އެ މައްސަލައިގައި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާނު ގެއްލުވައިލީ ޓެރަރިސްޓް ގުރޫޕަކުން ކަމަށާއި އެކަމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ.
އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.