އޭޑީކޭ ހޮސްޕިޓަލް

އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވެ، އޭޑީކޭގައި ފަރުވާދެނީ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކަށް އޭޑީކޭގައި ފަރުވާ ދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ މަޖީދީމަގުން 17 އަހަރުގެ އަންހެން ކުއްޖަކު ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ކުއްޖާގެ ގައިގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ މަޖީދީމަގު ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރަން އުޅުނު 17 އަހަރުންގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 8:15ގައި ލިބިފައިވާ ކަމަށާއި އެ ކުއްޖާއަށް އޭޑީކޭ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ ކުއްޖާގެ މޭ ކަށިގަނޑަށާއި އުނަގަނޑަށް އަދި ވާތު ކޮނޑަށް ތަދުވާ ކަމަށާއި މެއަށް ތަދުވާތީ ނޭވާލާން އުނދަގޫވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ސައިކަލް ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ މިރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް އަފްއާލު ވިދާޅުވިއެވެ.