ޕޮލިސް

ޗުއްޓީއަށް ދިޔުމުގެ ކުރިން ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެލައްވާ - ޕޮލިސް

އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތް އަލްހާ އީދު ބަންދުގައި ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ޗުއްޓީއަށް ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ޗުއްޓީއަށް ދިއުމުގެ ކުރިން ގޭގައި ހުންނަ އަގުބޮޑެތި އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ރައްކާކުރުމާއި ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށާއި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ހަމައެހެންމެ ކަރަންޓު ޝޯޓުވުން ނުވަތަ ގޭސް ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ގޭގައި ހުރިތޯ ރަނގަޅަށް ބެލުމަށާއި ދިިރިއުޅެމުން އަންނަ އެޕާޓްމަންޓް ނުވަތަ ގެ ހުސްކޮށްފައި ދާކަމުގައި ވާނަމަ ގޭސްފުޅި ނައްޓާލުމާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރެއިން ކަރަންޓު ކަނޑާލާފައި ބެހެއްޓޭ ޒާތުގެ ތަކެތިން ކަރަންޓު ކަނޑާލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ދިރިއުޅެމުން އަންނަ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާ ތަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމަކީ ސަމާލުކަންދޭން ޖެހޭ މުހިންމު ކަމެއްކަމުގައެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައިހުންނަ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑި ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައި ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަށްވެސް ފުލުހުން ބާރު އަޅައެވެ.

މީގެއިތުރުން ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަންކަން ކުރުމާއި މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިލްތިމާސްކުރައަވައެވެ.