ސުޕްރީމް ކޯޓް

ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ފިލަން އުޅެނިކޮށް ރާއްޖެ ގެނެސް، ބަންދުކޮށްފައިވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުން ނިންމަވައި ލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވީ މިމައްސަލައިގެ ހުކުމް އެކޯޓުން ނެރުއްވާނެ ކަމަށެވެ. ނަމަވެސް ދެން އެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަވާނެ ދުވަހެއް ވިދާޅެއްނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ މައްސަލަ ތަކުގެ ތެެރެއިން، ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލައިގަ، އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްްޓުމަށާއި، ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން މީގެ ކުރިން ވެސް އެދުނެވެ. އެކަމާގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރުނެވެ. ނަމަވެސް އަދީބު ބަންދުގައި ބަހައްޓައިފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުުން އޭރު ބުނީ އަދީބު ބަންދުކުރުމުގެ އަމުރެއް ނެރެ ނުދީ އޮތީ ކުރިން އެހެން ހުކުމެއްގައި އަދީބު ހުންނެވުމުން ކަމަށެވެ.

އިސްތިއުނާފީ މައްސަލައިގެ ޝަރިއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން މިދިޔަ އަންގާރަ ދުވަހު، އަނެއްްކާ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ، ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ފިލައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަނިކޮށް ރާއްޖެ ގެނެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 15 ދުވަހަށް އަދީބު ބަންދުކޮށްފައި ހުއްޓައެވެ.

މިއަދުގެ ޝަރިއަތާބެހޭ މައުލޫމާތު ދެއްވަމުން އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، މިހާރުވެސް ބަންދެއްގައި ހުއްޓައި އަނެއްކާ ސުޕްރީމްކޯޓުން އަދީބު ބަންދު ކުރުމަކީ އިސްތިއުނާފީ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

"އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްލާނީ، އަދީބުގެ މައްޗަށް މީގެކުރިން ހުކުމްތަކެއް ތަންފީޒުކުރެވެމުން ގޮސްގޮސް ހުއްޓާ ސުޕްރީމް ކޯޓުން އަދީބުގެ ބަންދާ ދޭތެރޭ ގޮތެއް ކަނޑައަޅަން ނުޖެހޭނެކަން، ސަބަބަކީ އަދީބު އޭރުވެސް އެހުންނެވީ ޖަލުގައި ކަމަށްވާތީ، އަނެއް ކަމަކަށް ފާހަގަކުރީ، ދައުލަތުން އެދިފަ ނުވާކަން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެވިފައިވާ މައްސަލައިގައި އަދީބުގެ ބަންދާބެހޭގޮތުން ގޮތެއް ކަނޑައެޅުމަށް. އެހެންވީމަ މީހަކު ޖަލުގައި ބަންދުކޮށްފަ ހުއްޓައި، އިތުރު އަމުރެއް ސުޕްރީމްކޯޓުން ނުނެރޭނެކަން. އެހެންވީމަ ނުކުތާއަކީ ކުރިމިނަލް ކޯޓުން މިހާރުވަނީ 15 ދުވަހުގެ ބަންދެއް އިއްވައިފަ. އިސްތިގުރާރުވެފައޮތް ހަމައަކީ އަދީބު މިހާރުވެސް އެހެރީ ފިލައިގެން ނުދެވޭނެ ގޮތުގެ މަތިން ބަންދެއްގައިކަން، ހުއްޓާ އަނެއްކާ ސުޕްރީމްކޯޓުން އަދީބުގެ ބަންދާ ދޭތެރޭ ގޮތެއް ކަނޑައަޅައިފިނަމަ ނަތީޖާއަކީ ދެ ކޯޓަކުން އަދީބުގެ ބަންދާދޭތެރޭ ގޮތެއް ކަނޑައެޅުން، އެއީ ގާނޫނީ ހަމަތަކުގެ މަތިން، ކޯޓުގެ ހަމަތަކުގެ މަތިންވެސް އަމަލު ކުރާ ގޮތެއްނޫން،" އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.