ރައްޔިތުންގެ މަޖިލިސް

ފައިސާއާ ގުޅޭ ބިލުތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި، މަޖިލީހުގެ ދައުރަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ތަކުގެ ތެރެއިން ޓެކުހާއި، ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ދައުރަށް ބަދަލުތަކެއް ގެންނަން މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

(މަނީ ބިލް)ތައް މަޖިލީހަށް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައި މިވަނީ، ދުވަސްވީ މީހުންގެ އިނާޔަތް ބޮޑު ކުރުމަށާއި ނުކުޅެދޭ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުުގެ އިތުރުން ޕެންޝަނަށް ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ މިދައުރަށް ބައެއް މެންބަރުން ބިލުތަކެއް ހުށަހެޅިފަހުންނެވެ.

ނަމަވެސް އެ ބިލުތައް މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

(މަނީ ބިލް) ތަކާ ބެހޭގޮތުން މަޖިލީހުން މިހާރު ފާސް ކޮށްފައި އޮންނަ އިސްލާހުގައި ބުނެފައިވަނީ، ޓެކުހާއި ގުޅޭ ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށެވެ. އެހެންކަމުން ފައިސާއާ ގުޅޭ އެހެން ބިލުތައް މެންބަރުންނަށް ހުށަހެޅުމަށް ގަވާއިދުގައި އެއްވެސް ހުރަހެއް ނޯވެއެވެ.

މަޖިލީހުގެ ދައުރު ކަނޑައަޅައި ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، މަޖިލިސް ޖަލްސާތައް އަހަރަކު ތިން ދައުރަށް ބެހިގެންވާ އިރު، ފުރަތަމަ ދައުރަކީ، އަހަރުުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ކަމަށެވެ. ދެ ވަނަ ދައުރަކީ، ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ތިން ވަނަ ދައުރަކީ، އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.