މުޅި ރާއްޖެއަށް ހުޅުވާލައިފައިވާ ގަނެވިއްކުމުގެ ޑިޖިޓަލް ބާޒާރެއް އުރީދޫ މޯލްޑިވްސް އިން އިފްތިތާހްކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ އެކަމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި "މޫލީ" ގެ ނަމުގައި އުރީދޫ އިން ތައާރަފްކުރި އެ ހިދުމަތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އުރީދޫގެ "މޫލީ" އަކީ ދުނިޔޭގެ މަޝްހޫރު އެމެރިކާގެ އީ-ކޮމާސް ކުންފުންޏެއް ކަމަށްވާ އެމަޒަންފަދަ ހިދުމަތެކެވެ.
އެގޮތުން ރާއްޖެއަށް ތައާރަފްކުރި މޫލީ ޕްލެޓްފޯމް މެދުވެރިކޮށް ގޭގައި ތިބެގެން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހިންގާ ވިޔަފާރިއެއްގެ ޕްރޮޑަކްޓެއް އޮންލައިންކޮށް ގަނެ، ގެއަށް ޑެލިވަރީ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
މޫލީ ޕްލެޓްފޯމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ، އެ ހިދުމަތް ވެގެންދާނީ ޑިޖިޓަލް ރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތައް މުޅިން ބަދަލުކޮށްލާ މުޅި ގައުމަށް ފެތުރިގެންދާ ވަސީލަތަކަށް ކަމަށެވެ.
އެގޮތުން މި ޕްލެޓްފޯމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތަފާތު ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ލިބި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މުޅި ރާއްޖެއަށް ވިޔަފާރި ވަރަށް ފަސޭހައިން ފުޅާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެފަދަ ގިނަ ޖަޒީރާ ރަށްތަކަކަށް ބަހާލެވިފައިވާ ގައުމެއްގައި މިއީ ވަރަށް ވެސް ބޭނުންޖެހިފައިވާ އަދި ދިވެހިންނަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދޭނެ ހިދުމަތެއްކަން ޔަގީންކުރަން،" ނިޔާޒު ވިދާޅުވިއެވެ.