ޝާހުރުކް ޚާން އަދި ސަލްމާން ޚާން ދެބަސްވުން ނައްތައިލި ފަހުން ފޭނުން ބަލަބަލަ ތިބީ މިދެތަރިން އެކުގައި ސްކްރީނުން އަނެއްކާވެސް ފެންނާނީ ކޮންއިރަކުތޯ އެވެ.
މިއަހަރު ނެރުނު ޒީރޯގެ ޓީޒާގައި ޝާހު އަދި ސަލްމާން އެކުގައި ފެނިލުމުންވެސް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން އުފައްދާފައެވެ. އަދި އެންމެންވެސް ހީކުރަމުން ދިޔަނީ ދެތަރިން އެކީގައި ފިލްމް ޒީރޯ އިން ފެންނާނެ ކަމަށެވެ.
ނަމަވެސް އިއްޔެ ޒީރޯގެ ޓްރެއިލާ ރިލީސްކުރަމުން ޝާހު މިވަނީ ޒީރޯ ފިލްމްގެވެސް މުޅިން ނޭނގޭ ކަންތައްތަކެއް ފޭނުންނަށް ހިއްސާކޮށްފަ އެވެ. ޝާހު ބުނިގޮތުގައި ޒީރޯ ފިލްމް ކުޅެން އޭނާއަށް ސަޖެސްޓް ކުރީ ސަލްމާން އެވެ. އަދި ޓީޒާގައި ސަލްމާން ޝާހު އާ އެކީ އެ ލަވަ ކުޅުނީވެސް އެ ފިލްމްގައި އޭނާގެ ހިއްސާ ކޮންމެވެސް ވަރަކަށް ފެންނަން ބޭނުން ވާތީ އެވެ.
މޮޅެތި ފިލްމްތައް ޑައިރެކްޓް ކުރަން މަޝްހޫރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމްގެ ކާސްޓްގެ ގޮތުގައި ސަލްމާން އަދި ޝާހު ހޮވާފައިވާކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފައެވެ. މި ފިލްމަކީ އާއިލީ ޑްރާމާ ތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ. 1991 ވަނަ އަހަރު ނުކުތް ފިލްމް ސައުދާގަރު އާ މި ފިލްމާ ކޮންމެވެސް ވަރަކަށް ވައްތަރުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޝާހު އަދި ސަލްމާންވެސް މިފިލްމްގެ ޕްލޮޓާ މެދު ހިތްހަމަޖެހޭ ކަމުގެ އަޑުފެތުރިފައިވާ އިރު، ފިލްމްގެ ފައިނަލް ޑްރާފްޓް ނިންމަން ނުވަ މަސްދުވަސް ނަގާނެ ކަމަށް ވެއެވެ. އަދި ޕްލޭން ކޮށްފައިވާ ގޮތަށް ކަންކަން ދާނަމަ އަންނަ އަހަރު މެދު ތެރޭގައި ފިލްމްގެ ޝޫޓިން ފެށޭނެ އެވެ.
ޝާހު އަދި ސަލްމާން ވަނީ މީގެ ކުރިން "ކަރަން އަރްޖުން"، "ކުޗް ކުޗް ހޯތާހޭ" އަދި "ހަމް ތުމްހާރޭ ހޭން ސަނަމް" ގައި މަސައްކަތް ކޮށްފައެވެ.