ޔާމިން ރަޝީދު

"ހަޅޭކުގެ އަޑާއެކު ޔާމީން ދިރިއުޅޭ ގެއިން ޒިހާނާއި ހައިޝަމް ނުކުތް މަންޒަރު ފެނުން"

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ރޭ، އޭނާ ދިރިއުޅޭ ގޭ ތެރެއިން އިވުނު ހަޅޭކުގެ އަޑާއެކު ތުހުމަތުކުރެވޭ އަހުމަދު ޒިހާނާއި އިސްމާއީލް ހައިޝަމް އެގެއިން ނުކުތް މަންޒަރު ފެނުނު ކަމަށް ޝަރީއަތުގައި ހެކިބަސް ދިން މީހަކު ބުނެފިއެވެ.

ޔާމީނު ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔާ ބުނީ، ހަޅޭކުގެ އަޑަށްފަހު ޔާމީން ރަޝީދު ދިރިއުޅޭ ގެއިން ނުކުތީ، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދު ކަމަށެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ކޯޓުގައި މިއަދު ހެކިބަސް ދިން މީހާ ބުނީ، އަނިޔާއެއް ލިބެމުންދާއިރު އިވޭ ފަދަ ހަޅޭކުގެ އަޑެއް އިވި، އެ އަޑު ކެނޑުނުތާ މިނެޓެއްހާއިރު ފަހުން ދެ މީހަކު އެ ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށެވެ.

އަދި ނުކުމެގެން ދިޔަ ދެމީހުންގެ ތެރެއިން އެކަކު ގޮސް ޕާކް ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ދިިޔައީ ކަމަށާއި ދެވަނަ މީހާ ގޮސް މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ފަހަތަށް އަރައިގެން ދިޔަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ އެ މީހުން ތިބީ މާސްކު އަޅައިގެން ކަމަށާއި ނަމަވެސް އެގެއިން ނުކުތް ދެ މީހުންނަކީ ޒިހާންއާއި ހައިޝަމްކަން ޔަގީންވާ ކަމަށެވެ.

އެ ތިން މީހުން އޭރު ލައިގެން ތިބި ހެދުމާއި އެ މީހުން ތިބި ސިފަ ހެކިވެރިޔާ ކިޔައިދިނަސް، އޭނާ ބުނިގޮތުގައި އެ ގެއިން ނުކުމެގެން ދިޔައިރު ހައިޝަމާއި ޒިހާން ތިބީ މޫނުގައި ސާޖިކަލް މާސްކެއް އަޅައިގެންނެވެ. އަދި އޭނާއާ ދެތިން ފޫޓު ދުރުން ހިނގާފައި އެ ދެ މީހުން ދިޔައިރު މާސްކް އޮތީ އެ ދެ މީހުންގެ އަނގަމައްޗާ ހިސާބުގައި ކަމަށާއި އަދި އިސްމާއިލު ރަޝީދު ސައިކަލު މަތީގައި އިނީ ތޮއްޕެއް އަޅައިގެން ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އެ ސަރަހައްދުގައި އެވަގުތު ރަނގަޅަށް އަލި ހުރި ކަމަށާއި، ދެ ސައިކަލު ވެސް ދުއްވާފައި ދިޔައީ އޭނާގެ ކުރިމަތިން ދެ ފޫޓެއްހާ ކައިރިން ކަމަށާއި، އެ އެންމެން ރަނގަޅަށް ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން، އެމީހުން ވަކި ކުރަން އެނގުނީ އެ ހާދިސާ ހިނގައިގެން، ފުލުހަށް ބަޔާންދޭން ދިޔަ އިރު، ފުލުހުން ދެއްކި ފޮޓޯތަކުން ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ސިއްރުން ހެކިބަސް ދިން ދެވަނަ މީހާ ބުނީ، ޔާމީން މަރާލި ރޭ ދަންވަރު ޔާމީނު ދިރިއުޅުނު ގެއަށް ދެފަހަރެއްގެ މަތިން އޭނާ ވަދެ ނިކުމެފައިވާނެ ކަމަށެވެ އޭގެ ތެރެއިން ފުރަތަމަ ފަހަރު ވަތްއިރު އެ ގޭގެ ސިޑިގޮޅީގައި އަލިކަން ހުރި ކަމަށާއި އެކަމަކު ދެވަނަ ފަހަރު ވަންއިރު އަލިކަމެއް ނެތް ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފުކަމެއް ފާހަގަނުވާ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، ދުރާލާ އަޑުއެހުންތައް ތާވަލު ކޮށްގެން ގެންދާއިރު ކޮންމެ އަޑުއެހުމަކަށް ހާޒިރު ކުރެވޭ ހެކިވެރިންގެ މައުލޫމާތު ދިފާއީ ވަކީލުންނަށް ލިބެނީ އެ އަޑުއެހުމަކަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ.

މައްސަލަ ބައްލަވައި ގާޒީ އަލީ ރަޝީދު ވަނީ އެ މައްސަލަ ލަސްވުމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

އަދި ހެކިވެރިން ހާޒިރުކޮށް ދެނީ ދައުލަތުން ކަމަށްވާތީ އެކަމުގައި ކޮންމެވެސް ވަރަކަށް ދަތިތަކެއް ވެސް ހުރި ކަމަށާއި ނަމަވެސް ދެން ހުރި އަޑުއެހުންތައް ބޭއްވުމުގެ ދެ ދުވަސް ކުރިން، ހާޒިރު ކުރެވޭނެ ހެކިންގެ މައުލޫމާތު ދައުލަތުން ކޯޓާ ހިއްސާ ކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އޭރުން އެ މައުލޫމާތު ދިފާއީ ވަކީލުންނަށް ދުރާލާ އަންގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.