އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައިގައި، ޝައްކު ކުރެވޭ މުއާމަލާތްތައް ކުރިއަށް ގެންދަން އެދިފައި ނުވާނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ވިދާޅުވެއްޖެއެވެ.
ހުސްވި ޖުލައިމަހު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ބީއެމްއެލްގެ މުވައްޒަފުން ހާޒިރު ކުރުމުން، އެ ބޭންކުގެ އިންޓެރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވެފައިވަނީ، އެމުއާމަލާތްތައް ދޫކޮށްލުމަށް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ) އާ އޭރު ހަވާލުވެ ހުންނެވި، ނީޒާ އިރުޝާދު ދެއްވި ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެކަމާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނީޒާ ވިދާޅުވީ، އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ޝައްކު އުފެދޭ ގޮތަށް ކުރި، މުއާމަލާތްތަައް ކުރިއަށް ގެންދަން އެދިފައި ނުވާނެކަމަށެވެ. އަދި އެދިފައިވާނީ އިންޓާނަލް ޕޮލިސީ ފޮލޯ ކުރަން ކަމަށްވެސް ވިދާޅުވިއެވެ.
ނީޒާ ވިދާޅުވީ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ)އާއި އޭރު ހަވާލުވެ ހުންނެވީ، އެމަގާމުގައި ހުންނެވި އާތިފު ޝަކޫރު ޗުއްޓީއަށް ވަޑައިގެންނެވުމުން ވަގުތީގޮތުން ކަމަށެވެ.
ނީޒާ އިތުރަށް ވިދާޅުވީ، އެސްއޯއެފްގެ ޝައްކު ކުރެވޭ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބީއެމްއެލްއިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އެންގީ ފައިސާ ޑިޕޮސިޓް ކުރުމަށް ފަހު، އެ ފައިސާ ނަގަން ދިޔުމުން ކަމަށެވެ. އަދި އެންމެ އެސްޓީއާރެއް ފޮނުވާފައި ޒިންމާ ނިމުނީ ނޫން ކަމަށާއި ކޮންމެ ޝައްކު ކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ވެސް އެފްއައިޔޫ އަށް ރިޕޯޓް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ނީޒާ ވިދާޅުވީ، ޝައްކު ކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ލިބުމުން އެކަން ބަލައި، ތަހުގީގީ އިދާރާތަކަށް އެ މައުލޫމާތު ފޮނުވަން ޖެހޭ ކަމަށެވެ.
އޭރު އެފްއައިޔޫގެ ކަންކަމާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އެ މައްސަލަ އެނަލައިޒްކޮށް ބެލުމަށް އިސް މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަޝްރަފަށް އެންގެވި ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.