އެންސްޕާ

ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރާ މީހުންގެ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއިން ބޭރުން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނަށް ހިނގާ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސައިދޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން އައްޒާމް ވިދާޅުވީ ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަނަމަވެސް ރާއްޖެއިން ބޭރުގައި ތިބޭއިރު ހޮސްޕިޓަލުގައި ހިނގާ ހަރަދުގެ އިތުރަށް ކެއުމާއި ހުރުމާއި އެހެނިހެން ގިނަ ހަރަދުތަކެއް ހިނގާކަން ފާހަގަކުރެވޭކަމަށެވެ.

އަދި އެ ހަރަދުތަކަކީ އާސަންދައިން ހަމަޖެއްސޭ ހަރަދުތަކަށް ނުވާތީ، އަދިވެސް ރައްޔިތުން ބޭސްފަރުވާއަށް ސަލާމް ޖަހަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޒާމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެކަމަށް ހައްލެއް ގެނައުންކަމަށެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދާއިރު ބޮޑެތި ހަރަދުތައް ކުރަން ދަތިވާ ފަރާތްތަކަށް ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެހީ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާ އައްޒާމް ވިދާޅުވިއެވެ.

އެގޮތުން ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކުގެ ހުރުމާއި ކެއުމުގެ ހަރަދުގެ އިތުރުން އެނޫންވެސް ހިދުމަތްތަކަށް ހަރަދުވާ ފައިސާ ހަމަޖެއްސުމަށް ގާނޫނަށް ބަދަލުތަކެއް ގެނެސް އަންނަ އަހަރުގެ ކުރިން އެކަން ހަމަޖައްސާނެކަމަށް އައްޒާމް ވިދާޅުވިއެވެ.

އައްޒާމް ވިދާޅުވީ ބޮޑެތި ބަލިތަކަށް އެހީ ހޯދުމަށް ސަލާންޖެހުމުގެ އާދަ ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.