ރައްޔިތުންގެ މަޖިލިސް

ޝަކީލް، އަނޫލާ، ޝިއުނާ، އަޝްރަފް އަދި އައިޝަތު އަބްދުﷲގެ ނަން އޭސީސީގެ މެންބަރުކަމަށް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

އިބްރާހިމް ޝަކީލް، ދަފްތަރު، އާއި ފާތުމަތު އަނޫލާ ގ. ވަޑިނޮޅުގެ، އާއި މަރިޔަމް ޝިއުނާ ނެދުންގެ، ސ. ހިތަދޫ، އާއި އައިޝަތު އަބްދުﷲ ރޯލްގޯލްގެ، ޅ. ހިންނަވަރު އާއި އަލީ އަޝްރަފްގެ ނަން އޭސީސީގެ މެންބަރުކަމަށް މަޖިލީހުން ފާސް ކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ ދައުރު އަންނަ މަހަށް ހަމަވާނެއެވެ.

މީގެ ކުރިން އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަލް ލުތުފީ ވަނީ އިސްްތިއުފާ ދެއްވައިފައެވެ.

އެހެންކަމުން އެ ކޮމިޝަނަށް 5 މެންބަރުން އައްޔަން ކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި ކުރިމަތިލެއްވި 68 ބޭފުޅުންގެ ނަންފުޅުތައް ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވިއެވެ.

އެ 68 ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މަޖިލީހުން ފާސްކޮށްފައި ވަނީ އޭގެ ތެރެއިިން ފަސް ބޭފުޅުންގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުކަމަށް ފަސް ބޭފުޅުންގެ ނަން ފާސްކުރިގޮތް މާކްސްއާއެކު:

  • އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654 (77.71 މާކްސް) - 69 މެމްބަރުންގެ ވޯޓުން.
  • ފާތުމަތު އަނޫލާ، ގ. ވަޑިނޮޅުގެ (77.26 މާކްސް) - 69 މެމްބަރުންގެ ވޯޓުން.
  • މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ (76.97 މާކްސް) -69 މެމްބަރުންގެ ވޯޓުން.
  • އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު (75.14 މާކްސް) -68 މެމްބަރުންގެ ވޯޓުން.
  • އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366 (66.34 މާކްސް) -70 މެމްބަރުންގެ ވޯޓުން.


މި ފަސް ބޭފުޅުންގެ ތެރެއިން، އިބްރާހިމް ޝަކީލް އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިއަކަށް ކުރިން ހުންނެވި ބޭފުޅެކެވެ.

ފާތުމަތު އަނޫލާ ވަނީ މީގެ ކުރިންވެސް އޭސީސީގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ މަސައްކަތް ކުރައްވާފައި ވަނީ ލީގަލް އޮފިސަރެއްްގެ ގޮތުގައެވެ.

މައިޔަމް ޝިއުނާ ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާފައިވާއިރު، އައިޝަތު އަބްދުﷲ މީގެ ކުރިން ވަނީ އިންވެސްޓިގޭޓަރެއްގެ ގޮތުގައި އޭސީސީގައި މަސައްކަތް ކުރައްވައިފައެވެ. އަދި އަލީ އަޝްރަފް އަކީ ވިލާ ކޮލެޖުގެ މާކެޓިން ޑިރެކްޓަރަކަށް އުޅުއްވި ބޭފުޅެކެވެ.